ޚަބަރު

ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ބަންދުކޮށްފި


ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ބަންދުކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާން އަދި ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް އެބޭފުޅުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ބަންދުކޮށްފައިވަނީ ވޯޓު ކަރުދާސްތައް ޗާޕުކުރުމަށް މިއަދު ބަޔަކާ ހަވާލުކުރުމާ ގުޅިގެން ކަމަށާއި، މިއަދުން ފެށިގެން ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

އަންނަ އޭޕްރީލްމަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަކަށް 389 ކެނޑިޑޭޓުން ވަނީ ކުރިމަތިލައްވާފައެވެ. ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ބަންދުކުރުމާ ހަމައަށް 3 ބޭފުޅަކު ވަނީ އެބޭފުޅުންގެ ނަން އަނބުރާ ގެންދަވާފައެވެ. އެހެންކަމުން މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ޖުމްލަ ޢަދަދަކީ 386 އެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާއިރު، އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ ފައިނަލް ވޯޓަރސް ލިސްޓުވެސް އާއްމުކޮށްފައެވެ. އެގޮތުން މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ދުއިސައްތަ ފަސްދޮޅަސް ހަތަރު ހާސް ފަސް ސަތޭކަ އަށްޑިހަ ނުވަ މީހުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިފައިވެއެވެ. އަދި މުޅިން އަލަށް ދެ ހާސް ތިން ސަތޭކަ ތިރީސް ހަ މީހުންނަށް މިއިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.