ޚަބަރު

ވިލިނގިލީގައި ހުމާއި ރޯގާ ފެތުރެމުންދާތީ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފި


ގއ. ވިލިނގިލީގައި އަރިދަފުސް ރޯގާއާއި ވައިރަލް ހުން ހަލުވިކަމާއެކު ފެތުރެމުންދާތީ، އެރަށުގައި ހުންނަ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ތަމްހީދު ވިދާޅުވީ، މިއަދު އެ ސްކޫލްގެ ކިޔެވުން ބަންދުކޮށްފައިވާކަމަށާއި، މާދަމާވެސް އެ ސްކޫލުގެ ކިޔެވުން ނޯންނާނެކަމަށެވެ. އަދި މިގޮތަށް ނިންމީ ރަށު ތެރޭގައި ފެތުރެމުންދާ ރޯގާގެ ހާލަތު އަދިވެސް ރަނގަޅުނުވާތީ، އެޑިއުކޭޝަން މިނިސްޓްރީއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ލަފާޔާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ޕީއެސްއެމަށް މިކަން ކަށަވަރުކޮށްދެއްވާފައެވެ.

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 600 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާއިރު، މިދިޔަ އާދިއްތަ ދުވަހު 180 ދަރިވަރުން އަދި އިއްޔެ 214 ދަރިވަރުން ސްކޫލަށް ޙާޟިރުވެފައިނުވާކަމަށް އެ ސްކޫލުން މަޢުލޫމާތުދެއެވެ.

ގއ. ވިލިގިލީގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން މެދުކަނޑާލާފައިވާއިރު، އެރަށުގައި ހުމާއި ރޯގާ ފެތުރެމުންދާތީ އެރަށުގައި ހުންނަ ޕްރީ ސްކޫލްތަކުގެ ކިޔެވުންވެސް މެދުކަނޑާލާފައިވާކަމަށް އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

ގއ. ވިލިނގިލީގައި ފެތުރެމުންދާ އަރިދަފުސް ރޯގާއާއި ވައިރަލް ހުން ކޮންޓްރޯލްކުރުމަށްޓަކައި އެރަށު ކައުންސިލާއި، ގއ. އަތޮޅު ހޮސްޕިޓަލް އަދި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުން މިހާރުވެސް ދަނީ ރަށުތެރެއިން މަދިރި ނައްތާލުމާއި، އާއްމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރަމުންނެވެ.