ޚަބަރު

އެފްއައިވީބީ ލެވެލް 1 ކޯޗިން ކޯސް ފުރިހަމަކުރި ކޯޗުންނަށް ސެޓިފިކެޓް ހަވާލުކޮށްފި


ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިސްނަގައިގެން ހިންގި އެފްއައިވީބީ ލެވެލް ވަން ކޯޗިން ކޯސް ފުރިހަމަކުރި ކޯޗުންނަށް ސެޓިފިކެޓް ހަވާލުކޮށްފިއެވެ.

އެފްއައިވީބީ، އޭވީސީ، އަދި އޮލީމްޕިކް ކޮމިޓީގެ އެއްބާރުލުމާއިއެކު ކުރިއަށްގެންދިޔަ މި ކޯސް ފުރިހަމަކުރި ކޯޗުންނަށް ސެޓިފިކެޓް ހަވާލުކުރީ އެކަމައްޓަކައި ޚާއްސަކޮށްގެން ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ކޯސް އެއްތިރީސް ބައިވެރިން ފުރިހަމަ ކުރިއިރު، މިކޯހުގައި ކިޔަވައިދެއްވީ ތައިލޭންޑްގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ޖަކްސުވަން ޓުޝާރޯން އެވެ.

ރަސްމިއްޔާތައްފަހު ވާހަކަ ދައްކަމުން ކޯހުގެ މެއިން އިންސްޓްރަކްޓާ ޖަކްސުއަން ވިދާޅުވީ، ރާއްޖެފަދަ ގައުމެއްގައި މިފަދަ ކޯހެއް ކާމިޔާބުކަމާއިއެކު ނިންމާލެވުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށެވެ. އަދި މިކޯހުން ގިނަ އަދަދެއްގެ ކޯޗުން ތަމްރީން ވެގެން ދިއުމުން، ރާއްޖޭގެ ވޯލީބޯޅަ ޑިވެލޮޕްމަންޓައް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް ޖަކްޗުވަން ވިދާޅުވިއެވެ.

"ވަރަށް އުފާވެއްޖެ ރާއްޖެކަހަލަ ގައުމެއްގައި މިހާ ކާމިޔާބުކޮށް މިކަހަލަ ކޯހެއް ކުރިއަށް ގެންދެވުނީމަ، ޚާއްސަކޮށް މިހާބޮޑު ތަރުހީބެއް ކޯހަށް ލިބިގެން ދިއުމުން ވަރަށް ހިތްހަމަ ޖެހިއްޖެ، މީގެ ސަބަބުން ރާއްޖޭގައި ވޮލީބޯޅަ ކުރިއަރުވަން އިތުރަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރަން." ކޯހުގައި ކިޔަވައިދެއްވި އިންސްޓްރަކްޓާ ޖަކްސުއަން ބުންޏެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން އަންނަނީ މުސްތަގުބަލުގައި މިފަތަ އިތުރު ކޯސްތަށް އިންތިޒާމު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.