ޚަބަރު

އާރތު އަވަރގެ ހަރަކާތްތައް ހަފްތާއަކަށް ކުރިއަށްގެންދަނީ


އާރތު އަވަރއަކީ އެއް ގަޑިއިރަށް ކުރިއަށްގެންދާ ރަމްޒީ ވަގުތުކޮޅަކަށް ހެދުމުގެ ބަދަލުގައި، އެއީ ދިގުމުއްދަތަކަށް ރާއްޖޭގެ ތިމާވެއްޓަށް ހެޔޮ އަސަރުތަކެއް ކުރާނެ ހަރަކާތަކަށް ހެދުމަކީ އަމާޒެއްކަމަށް އާރތު އަވަރ މޯލްޑިވްސްއިން ބުނެފިއެވެ.

"އާރތް އަވަރ" އަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއިމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކަރަންޓުން އަލިކޮށްދޭ ބޮކި އަދި ހޮޅިބުރިތައް ނިންވާލައިގެން ދުނިޔޭގެ ސަތޭކަ ހަތްދިހައަށްވުރެ ގިނަ ޤައުމުގައި ކުރިއަށްގެންދާ އެއްގަޑިއިރުގެ ހަރަކާތެކެވެ.

މިއަހަރުގެ އާރތު އަވަރ ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މާޗުމަހުގެ 30 ވަނަ ދުވަހުގެރޭ އަށްގަޑި ތިރީހުން އެރޭ ނުވަގަޑި ތިރީހަށެވެ.

އާރތު އަވަރ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ ދެހާސް ހަތްވަނަ އަހަރު އޮސްޓްރޭލިއާގެ ސިޑްނީގައެވެ. މިހާރު މިހަރަކާތް މިވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ކެމްޕޭނަކަށްވެފައެވެ. މިއަހަރަކީ މެދުނުކެނޑި އާރތު އަވަރ ފާހަގަކުރަމުން އަންނަތާ ބާރަ ވަނަ އަހަރެވެ.

މިއަހަރުގެ އާރތު އަވަރގެ ހަރަކާތްތަކުގެ ތަފްސީލު ޕީއެސްއެމް ނިއުސްއާ ހިއްސާކުރައްވަމުން، އާރތު އަވަރ މޯލްޑިވްސްގެ ފަރާތުން ވާހަކަދެއްކެވި އާމިނަތު ޝިޒްލީން ވިދާޅުވީ، މިއަހަރުގެ އާރތު އަވަރ ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށެވެ. އެގޮތުން އެބޭފުޅުންގެ އަމާޒަކީ "އާރތު އަވަރ"އަކީ އެންމެ ގަޑިއިރަކަށް ދެމިގެންދާ ރަމްޒީ ވަގުތުކޮޅަކަށް ހެދުމުގެ ބަދަލުގައި ދިގުމުއްދަތަކަށް ރާއްޖޭގެ ތިމާވެއްޓަށް ހެޔޮ އަސަރުތަކެއް ކުރާނެ ހަރަކާތަކަށް ހެދުންކަމަށް ޝިޒްލީން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިއަހަރުގެ އާރތު އަވަރ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ހެނދުނު ބޭއްވުމަށް ހަމަޖެހިފައިވާ މާލެތެރެ ސާފުކުރުމުގެ ހަރަކާތަކުންނެވެ. މިއަންނަ ހުކުރު ދުވަހުގެ ހެނދުނު ހަގަޑި ތިރީހުން ހެނދުނު އަށްގަޑި ތިރީހަށް ކުރިއަށް ގެންދާ މިހަރަކާތުގައި ކާނިވާ ސަރަހައްދުން ފެށިގެން ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދު ސާފުކުރުމަށް ހަމަޖެހިފައިވާކަމަށް ޝިޒްލީން ވިދާޅުވިއެވެ.

މިހަރަކާތަށްފަހު 22 ވަނަ ދުވަހުގެރޭ ޤައުމީ ޔުނިވަރސިޓީގެ ޢޮޑިޓޯރިއަމްގައި ޚާއްސަ ޕެނަލް ޑިސްކަޝަންއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މި ޕެނަލް ޑިސްކަޝަންގައި އައިޕީސީސީގެ އެކެއް ޕޮއިންޓް ފަހެއް ޑިގްރީ ސެލްސިއަސް ސްޕެޝަލް ރިޕޯޓްގައި ރާއްޖެއާއި ގުޅޭގޮތުން ހިމަނާފައިވާ ކަންކަމާއިމެދު ޢާންމުންގެ ބައިވެރިވުމާއިއެކު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ރާއްޖޭގައި ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް އަންހެނުންގެ ޙައްގުތަކަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކާއެކު މި ހަފްތާ ބަންދުން ފެށިގެން ފޮތި ކޮތަޅު ހަދަން ދަސްކޮށްދިނުމުގެ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ކުރެހުންތެރިންނަށް އާރތު އަވަރގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސްޓެލްކޯގެ ފާރުގައި ދުވަހާއި ގުޅޭ ކުރެހުންތައް ކުރެހުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. ރިންގް ރޯޑުން ސްޓެލްކޯއާއިވީ ފަޅީގައި ހުންނަ ފާރުގައި ކުރަހާ މިކުރެހުންތައް ކުރެހުމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އާރތު އަވަރ މޯލްޑިވްސްއިން އެދެއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް އަރތް އަވަރގެ މައި އިވެންޓްކަމަށް "މެއިން ސްވިޗް އޮފް އިވެންޓް" މާލޭގެ އިތުރުން ހދ ކުޅުދުއްފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ސްވިޗް އޮފް ހަރަކާތް ކުރިއަށްގެންދަނީ ކަރަންޓް ބޭނުންކޮށްގެން ކޮންމެހެން ދިއްލަންޖެހޭ ބޮކި، ހޮޅިބުރިފަދަ ތަކެތިފިޔަވައި އެހެން ހުރިހާ ބޮތްކަކާއި ހޮޅިބުރިތައް ކަނޑައެޅޭ އެއްގަޑިއިރަށް ނިއްވާލައިގެންނެވެ. މިކަމުގެ ބޭނުމަކީ، ކަރަންޓް ބޭނުންކުރެވޭ މިންވަރު ދަށްކޮށް، އެކަމަށްޓަކައި އަންދާ ތެލުގެ މިންވަރުވެސް މަދުކޮށް، ތެޔޮ އެންދުމުން ޖައްވަށް ބޭރުކުރެވޭ ވިހަ ދުންތައް މަދުކުރުމެވެ. އެގޮތުން، މާޗްމަހުގެ 30 ވަނަ ދުވަހުގެރޭ ކުރިއަށްގެންދާ މިހަރަކާތުގައި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ، ސްޓެލްކޯގެ ޖަނަރޭޓަރުތަކަށް ލޯޑު ކުޑަވާ މިންވަރު ވަގުތުން ވަގުތަށް ހާމަކުރަމުންދާނެކަމަށް އާރތު އަވަރ މޯލްޑިވްސުން މަޢުލޫމާތުދެއެވެ.

މިއަހަރުގެ، އާރތު އަވަރގެ މެއިން އިވެންޓް، ސްވިޗް އޮފް އިވެންޓް ހދ ކުޅުދުއްފުށީ ކުޅި ސަރަހަދުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، މާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެކުވެނި ސަރަހައްދުގައެވެ.