ވިޔަފާރި

މޯލްޑިވްސް ފައިނޭންސް ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް 2019" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިފަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ އެޕްރީލް މަހުގެ 22 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓްގައެވެ.

މާލީ ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކަށް މި ފޯރަމްގައި ބައިވެރިވެވޭނެކަމަށް ޕެންޝަން އޮފީހުން ބުނެއެވެ. މި ފޯރަމްގައި ބައިވެރިވުމަށްޓަކައި އެކަމަށް ޙާއްސަ ކޮށްފައިވާ ފޯމު ފުރުމަށްފަހު އޮންލައިންކޮށް ފޮނުވޭނެއެވެ.

މިއަހަރުގެ ފޯރަމްގެ ޝިއާރަކީ "އެންގޭޖިންގ ޕްރައިވެޓް ސެކްޓަރ ފޯރ ސޯޝަލް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް" އެވެ.

"މޯލްޑިވްސް ފައިނޭންސް ފޯރަމް" ގެ ނަމުގައި ޕެންޝަން އޮފީހުން އެންމެ ފުރަތަމަ ފޯރަމެއް ބާއްވާފައިވަނީ 2012 ވަނަ އަހަރެވެ. މިއަހަރަކީ މި ފޯރަމް ބާއްވާ 8 ވަނަ އަހަރެވެ.

މިދިޔަ އަހަރުގެ ފޯރަމްގައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން 83 މަންދޫބުން ވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރުގެ ފޯރަމްގެ ޝިއާރަކީ އިޤްތިޞާދީ ތަރައްޤީ އާއި ކުރިއެރުން ގެނައުމަށްޓަކައި ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސް ހޯދުމުގައި މާލީ މުއައްސަސާތަކުގެ ދައުރެވެ.

މި ފޯރަމްގައި ކޮންމެ އަހަރަކުވެސް ފައިނޭންސްގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅުން ބައިވެރިވެ، ދާއިރާއާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރެއެވެ.