ޚަބަރު

ޕްރެކްޓިސް ކުރާނެ ހޯލެއް ލިބިގެންދިޔުމަކީ މުބާރާތްތަކަށް ތައްޔާރުވުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް - ސުޖާއު


ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކެއް ކުރިޔަށްއޮއްވައި ޓީޓީ އަށް ވަކިން ޕްރެކްޓިސް ކުރާނެ ހޯލެއް ލިބިގެންދިޔުމަކީ މުބާރާތްތަކަށް ތައްޔާރުވުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއްކަމަށް ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އިސްމާއިލް ސުޖާއު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ކުންފުއްޏެއްކަމަށްވާ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާއި ރާއްޖޭގެ ސަރުކާރުގެ އެހީއާއެކު މަރާމާތުކުރި ޓީޓީ އާ ހޯލު ހުޅުވުމުގެ ރަސްމީޔާތަށްފަހު ވާހަކަދައްކަމުން ސުޖާއު ވިދާޅުވީ ޓީޓީ ކުޅުމަށް ރަނގަޅު ހޯލެއް ނެތި ދެ އަހަރުވުމަށްފަހު ޗައިނާގެ ސީއެމްއީސީ އާއި ސަރުކާރުގެ ހިލޭ އެހީއާއެކު ޓީޓީއަށް ވަކިން ޕްރެކްޓިސް ކުރާނެ ހޯލެއް ލިބިގެންދިޔުން މިއީ ޓީޓީއަށް ލިބުނއު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި މަރާމާތުކުރުމަށްފަހު އަލުން މި ހޯލު ހުޅުވިގެންދިޔައިރު ޖާގަ އިތުރުވުމާއި މުޅި ހޯލު އޭސީކޮށްފައި ހުރުން މިއީ ކުޅުންތެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއްކަމަށް ސުޖާއު ވިދާޅުވިއެވެ.

"ރަނގަޅު ހޯލެއް ނެތްތާ ދެ އަހަރުވާން މިދަނީ، ދެން މިވަގުތަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތްކަމެއް މިއީ ވަކިން ޓީޓީ ޕްރެކްޓިސްކުރާނެ ތަނެއް ލިބިގެންދިއުން. އަނެއްކާ މި އަހަރަކީ ބޮޑެތި މުބާރާތްތައް ގިނަ އަހަރެއް. އެހެންވީމާ މި ހޯލުގެ ސަބަބުން މުބާރާތްތަކަށް ތައްޔާރުވާން ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދިޔައީމި. ކުޅުންތެރިންނާއި ބެލެނިވެރިންވެސް ވަރަށް ހިތްހަމަޖެހިފައި ތިބި މަންޒަރު ފެނިގެންމިދަނީ" ސުޖާއު ވިދާޅުވިއެވެ.

މީގެކުރިންވެސް ޓީޓީ މުބާރާތްތައް ބޭއްވުމަށް ބޭނުންކުރި މި ހޯލު މަރާމާތުކުރުމަށްފަހު ހުޅުއްވައިދެއްވީ އެކްޓިންގ ޔޫތް މިނިސްޓަރ ޢަލީ ވަހީދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޝެންގްއެވެ. ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތައް ވަންނާނެ ތަނެއް ނެތިފަ އޮތް އޮތުމަށް ނިމުމެއް އަންނާނެ ކަމަށާއި އަދި އެ އޮންނަ ތަނަކީ އެއް އަހަރުން އަހަރުން މުއްދަތުޖަހާ ތަނެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމަށެވެ.

"މި ސަރުކާރުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ވަންނާނެ ތަނެއް ނެތިފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ. ކޮންމެ އެސޯސިއޭޝަނަކަށްވެސް ފަރިތަކުރުންތައް ކުރިޔަށްގެންދާނެ ވަކި ތަނެއް ދައްކާނެ." ޢަލީ ވަޙީދު ވިދާޅުވިއެވެ.

ޓީޓީ ކުޅުމަށް ބޭނުންކުރަމުންއައި އެކުވެނި އިންޑޯ ހޯލް ބާވެ އެތަނުގައި މަސައްކަތް ނުކުރެވޭ ހާތަލަށް ދިއުމުން 2014ވަނަ އަހަރު ޓީޓީ އެސޯސިއޭޝަން ބަދަލުކުރީ ޒުވާނުންގެ މަރުކަޒުގައި ހެދި ޓީޓީ ހޯލަށެވެ. ނަމަވެސް 2017ވަނަ އަހަރު ރަސްފަންނު ސަރަހައްދުގައި ކޮރަލް ބްލެވާޑް ފްލެޓް އަޅަން ކުރީގެ ސަރުކާރުން ޓީޓީ އެސޯސިއޭޝަނަށް ޓީޓީ ކުޅެވޭ ފެންވަރުގެ ތަނެއްވެސް ނުދައްކާ އެތަން ނެގިއެވެ. އެއަށްފަހު އިއްޔެއާއި ހަމަޔަށްވެސް ޓީޓީ ކުޅުންތެރިން ވަކިން ފަރިތަކުރުންތައް ކުރިޔަށްގެންދިޔުމަށް ވަކިން ޙާއްސަ ތަނެއް ހަމަޖެހިފައިނެތްކަން ފާހަގަކޮށްލަންޖެހެއެވެ.