ޚަބަރު

މި ސީޒަންގެ ޗެމްޕިއަންސް ލީގު ފެވަރިޓުންނަކީ ބާސެލޯނާ - ޕޮޗެޓީނޯ


މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފޭވަރިޓުންނަކީ ބާސެލޯނާކަމަށް ޓޮޓްނަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ޓޮޓްނަމް ނިކުންނާނީ މެންޗެސްޓަރ ސިޓީއާއި ދެކޮޅަށެވެ.

މި މެޗުން މޮޅުވެއްޖެނަމަ އެޓީމް ނިކުންނާނީ ޔުނައިޓެޑާއި ބާސެލޯނާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.
ކޯޗު ޕޮޗެޓީނޯ ބުނީ މިހާތަނަށް މި ސީޒަންގައި ޓީމުތަކުން ދެއްކި ކުޅުމަށް ބަލާއިރު، ޗެމްޕިއަންސް ލީގު ހޯދުން އެންމެ ގާތީ ބާސެލޯނާކަމަށެވެ. ޕޮޗެޓީނޯ ބުނީ އެންމެ މޮޅެތި މަޝްހޫރު ކުޅުންތެރިންވެސް ގިނައީ ބާސެލޯނާގައި ކަމަށާއި، އެޓީމަކީ ކޮންމެ ސީޒަނެއްގައިވެސް ޗެމްޕިއަންސް ލީގުގެ ފޭވަރިޓެއްކަމަށެވެ.

ޕޮޗެޓީނޯ ބުނީ ޗެމްޕިއަންސް ލީގު ބާސެލޯނާ ކާމިޔާބުކުރާނެކަމަށް ބުނަންޖެހޭ އެއް ސަބަބަކީ މެސީކަމަށް. މެސީ މިހާތަނަށް މި ސީޒަންގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ގިނަ ބަޔަކު މިކަމާއި ޝައްކު ނުކުރާނެކަމަށް ޕޮޗެޓީނޯ ބުންޏެވެ. ޓޮޓްނަމްގެ ކޯޗު ބުނީ މެސީއަކީ ޖީނިއަސްއެއްކަމަށާއި ކޮންމެ ޓީމަކުންވެސް މެސީއާއި ދެކޮޅަށް ކުޅެން ބޭނުންނުވާނެކަމަށެވެ.

ސެމީ ފައިނަލުން ބާސެލޯނާއާއި ޓޮޓްނަމް ޖާގަ ލިބިއްޖެނަމަ ދެ ޓީމް ސެމީގައި ވާދަކުރަން ޖެހޭނެއެވެ.