ވިޔަފާރި

ސިއޮކްމާގެ 35 ވަނަ ކޮމިޓީ ބައްދަލުވުން ފަށައިފި


ސައުތް އީސްޓް އޭޝިއާ އެންޑް އިންޑިއަން އޯޝަން ކޭބަލް މެއިންޓަނަންސް، ސިއޮކްމާގެ 35 ވަނަ ކޮމިޓީ ބައްދަލުވުން ރާއްޖޭގައި ފަށައިފިއެވެ.

ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ މައި ކުންފުނި ދިރާގާއި ގުޅިގެން ސިއޮކްމާއިން ބާއްވާ މި ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް ދެކުނު އިރުމަތި އޭޝިއާގެ ޤައުމުތަކުގެ ކޭބަލް އޮޕަރޭޓާސްއާއި ފެސިލިޓީ ޕްރޮވައިޑަރސްގެ މެދުގައި ބާއްވާ ފޯރަމެކެވެ. 48 މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގައި މި ސަރަޙައްދުގެ ކޭބަލް މެއިންޓަނަންސްގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭނެ ކަންތައްތަކާއި ހުރި މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކުރެވިގެންދާނެއެވެ.

ސިއޮކްމާގެ 48 މެމްބަރުންގެ ތެރެއިން ދިރާގަކީ ރާއްޖެއިން ސިއޮކްމާގެ އެގްރިމެންޓުގައި ސޮއިކޮށްފައިވާ ހަމައެކަނި ފަރާތަށްވާއިރު، ދިރާގު ސިއޮކްމާގެ މެމްބަރަކަށްވީ 2006 ވަނަ އަހަރުއެވެ.

ޕިއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ދިރާގުގެ ޓެކްނޮލޮޖީ ޑިޕާޓްމެންޓްގެ މެނޭޖަރ އިބްރާހިމް އަންވަރު ވިދާޅުވީ ސިއޮކްމާއަކީ މި ސަރަޙައްދުގެ ކޭބަލް އޮޕަރޭޓްކުރުމާއި މެއިންޓެއިނެންސް އެންމެ ރަނގަޅަށް ފޯރުކޮށްދޭ އެއް ކުންފުނިކަމަށެވެ. އަދި ސިއޮކްމާއާއެކު ދިރާގުން ވެފައިވާ އެއްބަސްވުމުގެ ދަށުން ދިރާގުގެ ޚިދުމަތްތައް ރަނގަޅުވެގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިމަހުގެ 19 އިން 21 އަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ މި ބައްދަލުވުމުގައި ދިރާގުގެ އިސް ފަރާތްތަކާއި ސިއޮކްމާގެ މެމްބަރުން ބައިވެރިވާނެއެވެ.