ޚަބަރު

އަންހެނުންގެ ދުވަސް ފާހަގަކުރަން ވޯލީބޯޅަ އެސޯސިއޭޝަނުން ޚާއްސަ ހަރަކާތެއް ބާއްވަނީ


ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ އަންހެނުންގެ ދިވަސް ފާހަގަ ކުރުމަށްޓަކާ، ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިސްނަގައިގެން ޚާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

ވީއޭއެމްއިން އިސްނަގައިގެން ވޮލީ އަންހެން ޚާއްސަ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ވޮލީބޯޅަ ވެޓެރެންސް ޓީމަކާއި، ޔޫތް މިނިސްޓްރީން ހޮވާލެވޭ ޓީމެއް ވާދަކުރާ މެޗަކާއި، އެންމެ ފަހުގެ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަން ޕޮލިސް ކުލަބާ، އެސޯސިއޭޝަނުން ހޮވާލެވޭ ޓީމެއް ވާދަކުރާ މެޗެކެވެ.

ޚާއްސަ މެޗުގައި ވާދަކުރާ އެސޯސިއޭޝަނުން ހޮވާލެވޭ ޓީމުގެ ފަރާތުން ވާހަކަ ދައްކަމުން ސީނިއާ އަންހެން ގައުމީ ޓީމުގެ ކެޕްޓަން އައިޝަތް ޝައްފަ ބުނީ، އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް އެސޯސިއޭޝަނުން އިސްނަގައިގެން ޚާއްސަ ހަރަކާތެއް ބާއްވާތީ އެކަމާއި އުފާވާ ކަމަށާއި، ގައުމީ ޓީމުގެ ނަމުގައި އެސޯސިއޭޝަނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ގައުމީ ޓީމުގެ ފަރިތަކުރުންތަށް ފޯރިއާއެކު ކުރަމުން އަންނަ ދަނޑިވަޅެއްގައި މެޗެއް ކުޅެން ލިބުމުން މިއީ ޓީމުގެ ފެންވަރު ދައްކާލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ޝައްފަ ބުންޏެވެ.

"އަސްލު ވަރަށް އުފާވެއްޖެ އަންހެނުންގެ ދުވަސް ފާހަގަ ކުރަން އެސޯސިއޭޝަނުން އިސްނެގީމަ، ގައުމީ ޓީމުގެ ފަރިތަކުރުންތަށްވެސް އަންނަނީ ވަރަށް ރަނގަޅަށް ކުރަމުން، އެހެންވީމަ ކުޅުންތެރިންވެސް ތިބީ ވަރަށް ފޯމުގައި، މި ދަނޑިވަޅުގައި މެޗެއް ކުޅެން ލިބުނީމަ ވަރަށް ހިތްހަމަޖެހޭ، ޚާއްސަކޮށް އަންހެނުންގެ ދުވަސް ފާޖަގަކުރަން އެސޯސިއޭޝަނުން އިސްނެގީމަ ގައުމީ ޓީމުގެ ފަރާތުން އެސޯސިއޭޝަނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." ޝައްފަ ބުންނެވެ.

ޕޮލިސް ޓީމުގެ ފަރާތުން ވާހަކަ ދައްކަމުން ފާތިމަތު ޒީނިއާ ބުނީ، ޕޮލިހަށް މިހަރަކާތުގައި ބައިވެރި ވުމުގެ ފުރުސަތު ލިބުމުން އެކަމާއި އުފާކުރާ ކަމަށާއި، ޚާއްސަކޮށް އެސޯސިއޭޝަނުން އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް އިސްނަގައިގެން ހަރަކާތެއް ބޭއްވުން އެއީ އަންހެން ކުޅުންތެރިންނަށްވެސް ލިބުނު އުފަލެއް ކަމަށެވެ.

"ވަރަށް އުފާވެއްޖެ އަންހެނުންގެ ދުވަސް އެސޯސިއޭޝަނުން އިސްނަގައިގެން ފާހަގަ ކުރާތީ، ދެން ޕޮލިހަށް މިމެޗުގައި ކުޅެލަން ފުރުސަތު ދެއްވީތީ އެސޯސިއޭޝަނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." ޕޮލިސް ޓީމުގެ ފަރާތުން ވާހަކަ ދައްކަމުން ޒީނިއާ ބުންޏެވެ.