ވިޔަފާރި

އެސްއެމްއީ ބެންކުން އިޤްތިޞާދަށް އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެ - ފަޒީލް ނަޖީބް


ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޙާއްސަކޮށްގެން ސަރުކާރުން ޤާއިމްކުރި އެސްއެމްއީ ބެންކުގެ ސަބަބުން އިޤްތިޞާދަށް އިންޤިލާބީ ހެޔޮ ބަދަލެއް އަންނާނެކަމަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ.ފަޒީލް ނަޖީބް ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ހުޅުވި ފުރަތަމަ މާލީ އިދާރާ، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑު، (އެސްޑީއެފްސީ)ގެ މަސައްކަތްތައް މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިޤްތިޞާދުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިތަކެއްކަމަށެވެ. ޢެހެންކަމުން ކުދި އަދި މެދުފަންތީގެ ވިޔަފާތިތަކަށް ޙާއްސަކޮށްގެން ބެންކެއް އުފެދިގެން ދިއުމަކީ އިޤްތިޞާދަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނުވާނެކަމެއްކަމަށް ފަޒީލް ނަޖީބް ވަނީ ފާހަގަކުރައްވާފައެވެ.

ފަޒީލް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބިގެން ދިއުމުގެ ނަތީޖާއަކަށް ވެގެންދާނީ އެ ވިޔަފާރިތައް އިތުރަށް ހިނގަން ފެށުންކަމަށެވެ. ޢަދި މީގެ ސަބަބުން އިޤްތިޞާދު ކުރިއަށްވުރެ ބޮޑަށް ކުރިއަރައި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެކަމަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ވިދާޅުވިއެވެ.

"ބޮޑެތި ބެންކުތަކަށްވުރެ، ފަސޭހަކޮށް އެސްޑީއެފްސީ އިން މިކަންތައް ކުރައްވާކަމަށްވަންޏާ ވަރަށް ބައިވަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އެސްޑީއެފްސީ އަށް ދާނެޔޭ އަޅުގަނޑު ބުނާނީ ކްރެޑިޓް ހޯދަން. އޭގެ ސަބަބުން އިޤްތިޞާދުގައި ހަރަކާތްތައް އިތުރުވެ، ވަޒީފާތައް އިތުރުވެގެންދާނެ." ފަޒީލް ނަޖީބް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރަމުންދާ ބެންކުތަކަކީ ހުރިހާ ވިޔަފާރިތަކަށް ލޯނު ދޫކުރާ ބެންކުތަކެއްކަން ފާހަގަކުރައްވަމުން ފަޒީލް ނަޖީބް ވިދާޅުވީ، އެސްއެމްއީ ބެންކް ވެގެންދާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާތިތަކަށް ލޯނު ދޫކުރާ ބެންކަކަށްށެވެ. އެހެންކަމުން ލޯނު ދޫކުރުމުގައިވެސް ކުދި ވިޔަފާރިތަކަށް މި ބެންކުން ލުއިތަކެއް ލިބިގެންދާނެކަން ފަޒީލް ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ކުޑަ އިންޓްރަސްޓް ރޭޓެއްގައި އަގު ހެޔޮކޮށް ލޯނު ލިބުމާއި، ސެކިއުރިޓީ ރޭޓް ފަހިކޮށް ލޯނު ލިބުމަކީ މި ބެންކުގެ ޙާއްސަ ކަމަކަށްވާނެކަމަށް ފަޒީލް ވިދާޅުވިއެވެ.

"މައިގަނޑު ގޮތެއްގައި އެންމެ ބޮޑު ފައިދާއަކީ އަގުގެ ގޮތުން މިލިބޭ ފައިދާއާއި، ދެން ސެކިއުރިޓީގެ ގޮތުން މިލިބޭ ފައިދާ" ފަޒީލް ނަޖީބް ވިދާޅުވިއެވެ.

އެސްޑީއެފްސީން މައިގަނޑު ހަތަރު ދާއިރާއަކުން ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ހަތަރު ދާއިރާއަކީ ރަށު ފަތުރުވެރިކަން ނުވަތަ ލޯކަލް ޓޫރިޒަމްގެ ދާއިރާއާއި ދަނޑުވެރިކަމާއި އުފެއްދުންތެރިކަމާއި ގުޅޭ ވިޔަފާރިތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއެވެ. މި ލޯނުތައް ދޫކުރާނީ 6 ޕަސެންޓާއި 9.5 ޕަސެންޓާއި ދެމެދުގެ އިންޓްރެސްޓް ރޭޓުގައި 7 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އެސްޑީއެފްސީން ދޫކުރާ ލޯންތަކުގެ ވަކި ބައެއް ޒުވާން ވިޔަފާރިވެރިންނާއި، އަންހެން ވިޔަފާރިވެރިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކުރުމަށް ވަނީ ނިންމާފައެވެ. ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފެއްދި އެސްއެމްއީ ބޭންކުގެ ޚިދުމަތް ދޭންފެށުމަކީ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.