ޚަބަރު

ގްރޭޑް 9 އަކަށް 2 މާއްދާއެއް ކިޔަވައިދިނުން މަޑުޖައްސާލައިފި


ގްރޭޑް 9 ގެ ދަރިވަރުންނަށް އަލަށް ކިޔަވައިދޭންފެށި ސޯޝަލް ސްޓަޑީޒްއާއި ހެލްތް އެންޑް ޕީއީ ކިޔަވައިދިނުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި މާއްދާތައް ކިޔަވައިދިނުމުގައި ސްކޫލްތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި މި ދެ މާއްދާ ކިޔަވައިދިނުމަށް އެކަށީގެންވާ ވަރަށް ޓީޗަރުން ތައްޔާރުކުރެވިފައި ނުވާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ދަރިވަރުން އިމްތިހާނުކުރާނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް ޓީޗަރުން އަހުލުވެރި ކުރެވިފައި ނުވާތީ މި ދެމާއްދާ ކިޔަވައިދިނުން ވަގުތީ ގޮތުން މެދުކަނޑާލީ ކަމުގައެވެ.

މި ބަދަލު ގެނައުމާއި ގުޅިގެން ސްކޫލްތަކުގެ ޓައިމްޓޭބަލްތަކަށް ބަދަލުތަކެއް ގެނައުމަށް ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގަވާފައެވެ. އެގޮތުން އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މިއިން ކޮންމެ މާއްދާއަކަށް އެއް ގަޑި އިތުރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ވަނީ އަންގަވާފައެވެ.