ވިޔަފާރި

800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެއްބަސްވުމެއްގައި އެގްޒިމް ބެންކާއެކު ސޮއިކޮށްފި


ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބެންކާއި ދެމެދު 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. އަދި އިންޑިއާގެ އެގްޒިމް ބެންކުގެ ފަރާތުން ސޮއިކުރެއްވީ އެ ބެންކުގެ ޗީފް ޖެނެރަލް މެނޭޖަރ ސުދައްތާ މަންޑަލް އެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކަކަށް ހަރަދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އޭގެތެރޭގައި 30 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ހިމެނެއެވެ. މިހާރުވެސް މީގެ ބައެއް މަޝްރޫޢުތަކުގެ ފީސިބިލިޓީ ސްޓަޑީޒްތަކާއި ޕްރޮޖެކްޓްތަކުގެ ތަފްސީލް އެގްޒިމް ބެންކާއި، އިންޑިއާ ސަރުކާރާ ހިއްސާކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ. އަދިި ސޮއިކުރެވުނު އެއްބަސްވުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަންކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެން މި ސޮއިކުރީ އިންޑިއާގެ އެކްޒިމް ބެންކާއި އެއްކޮށް ކުރިން އަޅުގަނޑުމެން އެއްބަސްވެފައި އިން 800 މިލިއަން ޑޮލަރުގެ ކްރެޓިޑް ލައިން އެގްރިމެންޓެއް. ތަރައްޤީގެ ގިނަ މަޝްރޫތަކާއި އަދި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި އެހެނިހެން ފީޒިބަލް ޕްރޮޖެކްޓްތައް މީގެތެރެއިން ހިމެނިގެން އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ." ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގައި އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު މުޙައްމަދު ދީދީ އާއި، އެގްޒިމް ބެންކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.