ސިޔާސީ

ހެލްތު މިނިސްޓަރަށް ރުހުން ދިނުމަށް މަޖިލިސް ކޮމިޓީން ފާސް ކޮށްފި


މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ހ. މާބަނޑޭރިއާގޭ އަޙްމަދު ޒުހޫރަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.މިއަދު މެންދުރު ބޭއްވި ކޮމިޓީ ބައްދަލްވުމުގައި ޒުހޫރަށް ރުހުން ދިނުމަށް ފާސްވީ ވޯޓްގައި ބައިވެރިވި 7 މެމްބަރުންގެ އިއްތިފާޤުންނެވެ. ކޮމިޓީގައި ބައިވެރިވި ހުރިހާ މެމްބަރުންވެސްވަނީ ޒުހޫރަކީ އެކަމަށް ގާބިލް ބޭފުޅެއްކަމަށް ވިދާޅުވެފައެވެ.ހެލްތު މިނިސްޓަރ ކަމަށް ރައީސް ޔާމީން ޒުހޫރު އައްޔަންކުރައްވާފައި ވަނީ މިމަހުގެ ދިހަ ވަނަ ދުވަހުއެވެ. ކުރިން ހެލްތު މިނިސްޓަރަކަށް ހުންނެވި ޑރ. މަރިޔަމް ޝަކީލާއަށް މަޖިލީހުން ރުހުން ލިބިވަޑައިނުގަތުމުން، އޭގެ ފަހުން ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމާއި،  ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީވެސް ވަގުތީ ގޮތުން އެމިނިސްޓްރީ ހިންގާފައިވެއެވެ.މީގެ އިތުރުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ، މިހާރު އައިޖީއެމް ހޮސްޕިޓަލް ހިނގަމުންދާގޮތް ބެލުމަށް ބޭނުންވާކަމަށް ވިދާޅުވެ ކޮމިޓީގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. އެގޮތުން ވަކި ކުންފުންޏެއްގެ ދަށުން އެހޮސްޕިޓަލް ހިންގަމުން އަންނަގޮތާއި ހެލްތު މިނިސްޓްރީއާއި ހުރި ގުޅުން ބެލުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.ކޮމިޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ، އައިޖީއެމް ހޮސްޕިޓަލްފަދަ ސިއްހީ ދާއިރާގެ ތަނަކަށް ހެލްތް މިނިސްޓްރީގެ ބާރު ނެތުމަކީ މައްސަލައެއްކަމަށެވެ. އެހެންކަމުން ހޯމަ ދުވަހު ބާއްވާ ކޮމިޓީގެ ބައްދަލުވުމަށް އައިޖީއެމް ހޮސްޕިޓަލްގެ ބޯޑުން މައުލޫމާތު ހޯދާނެކަމަށް މުގައްރިރު ވިދާޅުވިއެވެ. އަދި އެއަށްފަހު ބޯޑުގެ މެމްބަރުންނާވެސް ބައްދަލުކުރައްވާނެކަމަށް ވިދާޅުވިއެވެ.މުގައްރިރު ރިޔާޒް ވިދާޅުވީ، ބޯޑު ހާޒިރުކުރުމަށްފަހު އިތުރަށް މައުލޫމާތު ސާފުކުރަން ޖެހިއްޖެނަމަ ހެލްތް މިނިސްޓަރަށް މަޖިލީހުގެ ތަޅުމުން ރުހުންލިބިވަޑައިގަތުމުން މިނިސްޓަރވެސް ކޮމިޓީއަށް ހާޒިރުކުރައްވާނެކަމަށެވެ.