ޚަބަރު

ސްޕެޝަލް އޮލީމްޕިކްގައި ރާއްޖޭގެ ވަސްމީ ރިހި މެޑަލް ހޯދިއިރު އަމީން ފަސްވަނަ ހޯދައިފި


ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖޭގެ ދުވުންތެރިންކަމަށްވާ ވަސްމީ ވަހީދު ރިހި މެޑަލް ހޯދިއިރު، އަލީ އަމީން ފަސްވަނަ ހޯދައިފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވި ސްޕެޝަލް އޮލިމްޕިކްސް ގޭމްސްގައި ވަސްމީ ވަހީދު ރިހި މެޑަލް ހޯދާފައިވަނީ 200 މީޓަރު ދުވުމުންނެވެ. އަދި އަލީ އަމީން 5ވަނަ ހޯދާފައިވަނީވެސް 200 މީޓަރު ދުވުމުންނެވެ. މިމިހުގެ 14ވަނަ ދުވަހު އަބޫދާބީގައި ފެށުނު ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖެއިން ބައިވެރިވެފައިވަނީ 6 އެތްލީޓުންނެވެ.

ރާއްޖެއިން ގޭމްސްގައި ވާދަކޮށްފައިވަނީ ލޯންގް ޖަމް 50 މީޓަރު، 100 މީޓަރު އަދި 200 މީޓަރު ދުވުމުގައެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއަށް ފުރުމުގެ ކުރިންވެސް އެތްލީޓުން ބުނެފައިވަނީ ބޭނުމަކީ ރާއްޖެއަށް ރީތިނަން ހޯދައިދިނުންކަމަށެވެ. އަދި މުޖްތަމައުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީވެސް ގައުމަށް ރީތިނަން ހޯދައި ދެވޭފަދަ ކުދިންތަކެއްކަމަށް ދައްކައިދޭން ބޭނުންވާކަމަށް މިގޭމްސްގައި ބައިވެރިވި އެތްލީޓުންވަނީ ބުނެފައެވެ.

ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްއަކީ ކޮންމެ ދެ އަހަރުން އެއްއަހަރު އޮންނަ މުބާރާތެކެވެ.