ވިޔަފާރި

ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކާއި، ހިލައާއި ހިލަވެލީގެ ކޯޓާ އިތުރުކުރުމަށް އިންޑިއާއިން ނިންމައިފި


އިންޑިއާއިން ދިވެހިރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކާއި، ހިލައާއި ހިލަވެލީގެ ކޯޓާ 3 އަހަރުގެ މުއްދަތަކަށް އިތުރުކުރުމަށް އިންޑިއާއިން ނިންމައިފިއެވެ.

އިންޑިއާއިން މިގޮތަށް ނިންމީ، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދު ބޭއްވުނު މަޝްވަރާތަކުގައެވެ. މި މަޝްވަރާތަކުގައި ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންކަން ތަރައްޤީކުރުމުގައި އިންޑިއާ ސަރުކާރުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.

އެގޮތުން އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކާއި، ހިލައާއި ހިލަވެލީގެ ކޯޓާ އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިފައިވާތީ ކުރިއަށް އޮތް 3 އަހަރަށް ކޯޓާ އިތުރުކުރުމަށް ނިންމާފައިވާކަމަށާ، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިކަމަށް ޢަމަލުކުރާނެކަން އިންޑިއާ ސަރުކާރުގެ ފަރާތުން ވަނީ ހާމަކުރައްވާފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއެކު ރާއްޖޭގެ ފޮރިން މިނިސްޓަރ ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އިޤްތިޞާދީ މުޢާމަލާތްތައް ފާއިތުވި އަހަރުތަކުގެ ތެރޭގައި އިތުރުވެފައިވާކަން ފާހަގަކުރައްވާ، ދެ ޤައުމުގެ ދެމެދު މުދާ ބަދަލުކުރުމާއި، ސަޤާފީ ކަންކަން ހިއްސާކުރުމުގެ އިތުރުން ޕްރައިވެޓް ސެކްޓަރ ހަރުދަނާކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މިއަހަރުގެ ތެރޭގައި މޯލްޑިވްސް-އިންޑިއާ ބިޒްނަސް ފޯރަމެއް ބޭއްވުމަށްވެސް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.

މިދިޔަ ސަރުކާރުގައި އިންޑިއާއިން ރާއްޖެ އަށް އެތެރެކުރާ ކާޑުގެ ބާވަތްތަކާއި ފިޔާ، އަލުވި އަދި ބިހުގެ ކޯޓާ ވަރަށް ބޮޑުތަނުން ވަނީ ދަށްކޮށްފައެވެ. އަދި ފާއިތުވި ތިން އަހަރު އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ހިލައާއި ހިލަވެލީގެ ކޯޓާ އިންޑިއާ އިން އާނުކުރުމުން އެ ދެބާވަތް އެތެރެކުރުން ހުއްޓުމަކަށް ވަނީ އައިސްފައެވެ.