ސިޔާސީ

ރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން އަބަދުވެސް އެހީވާނަން - ސުޝްމާ ސުވަަރާޖު


ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާ ތަރައްޤީކުރުމުގައި އިންޑިއާ ސަރުކާރުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެކަމަށް އެޤައުމުގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސުވަރާޖު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް އިންޑިއާގެ ޚާރިޖީ ވަޒީރު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމު ގުޅިގެން ނެރެފައިވާ ޖޮއިންޓް ސްޓޭޓްމަންޓުގައި އިންޑިއާއިން ގެންގުޅޭ "ނެއިބަރހޫޑް ފަސްޓް ޕޮލިސީ"ގެ ދަށުން ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އިންޑިއާގެ ޚާރިޖީ ވަޒީރު ވަނީ ދެއްވާފައެވެ.

މިދަތުރުފުޅުގެ ތެރެއިން، އިންޑިއާގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކާ ދެ ޤައުމު ގުޅިގެން ކުރެވިދާނެ ކަންތައްތައް، ވަކިން ޙާއްސަކޮށް ރީޖަނަލް މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ރާއްޖެއާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ދެޤައުމުގެ ދެމެދު ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އަދި ޓެރެރިޒަމާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އިންޑިއާއިން ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާއި ރާއްޖެއާއި ދެމެދު ކުރިއަށްގެންދިޔަ ބައިލެޓްރަލް ޓޯކްސްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ކައުންޓަރ-ޓެރަރިޒަމްގެ ދާއިރާ ހަރުދަނާކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމާއި، ކަނޑުފޭރުން އަދި ހިއުމަން ޓްރެފިކިންގގެ ކަންކަން ހުއްޓުވުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ބައިނަލްއަޤްވާމީ މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރުމަށާއި، ވަކިން ޙާއްސަކޮށް އދ.ގެ އެކި ގުނަވަންތަކުގައި ދެ ޤައުމު އެކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުންވެސް ދެ ޤައުމުގެ ދެމެދު މަޝްވަރާކޮށްފައިވެއެވެ. އެގޮތުން އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ދައުރު އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކާ އެ ކައުންސިލްގެ ދާއިމީ ގޮނޑިއެއް ހޯދުމަށާއި، އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ކުރިއަށްއޮތް ދައުރުގެ ނޮން-ޕަރމަނެންޓް ގޮނޑިއެއް ހޯދުމަށް އިންޑިއާއިން ކުރާ މަސައްކަތަށް ދިވެހިރާއްޖެއިން ތާޢިދުކުރާނެކަމަށްވެސް ދިވެހި ސަރުކާރުގެ ފަރާތުން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއާއި އިންޑިއާއިން ގުޅިގެން ނެރެފައިވާ ޖޮއިންޓް ސްޓޭޓްމަންޓުގައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކްރިކެޓް ސްޑޭޑިއަމެއް އިމާރާތްކޮށްދިނުމުގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް ހުށަހެޅުމުން، އިންޑިއާ ސަރުކާރުގެ ފަރާތުން އެ ހުށަހެޅުން ބަލައިގެންފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ހުޅުމާލޭގައި އިންޑިއާގެ އެމްބަސީގެ އިމާރާތެއް އެޅުމަށް ދިވެހި ސަރުކާރުން ބިމެއް ހަމަޖައްސާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުދި ޤައުމުތަކަށް ކުރިމަތިވަމުންދާ މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އިންޑިއާ ސަރުކާރުގެ ފަރާތުން ފާހަގަކޮށް، އެކަންކަމަށް އިންޑިއާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސުވަރާޖު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދިވެހި ދައުލަތުގެ އިސްބޭފުޅުންނަށް ޑިޕްލޮމެޓިކް ވިސާގެ ކަންކަމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއި، ތަރައްޤީގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، އިޢާދަކުރަނިވި ހަކަތައިގެން ދާއިރާއިން ރާއްޖެއަށް އެހީ ދިނުމުގެ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ.. މީގެ އިތުރުން ސަރުކާރުގެ މައި ހޮސްޕިޓަލް އިންދްރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު މަރާމާތުކުރުމަށާއި، ޞިއްޙީ ދާއިރާއަށް ބޭނުންވާ އާލަތްތައް ހޯދައިދިނުމުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެއްވާނެކަންވެސް ހާމަކޮށްފައިވެއެވެ.