ވިޔަފާރި

މިފްކޯގެ އުފެއްދުންތައް އިޝްތިހާރުކުރުމަށް ބޮސްޓަންގައި ބާއްވާ ސީފުޑް އެކްސްޕޯގައި ބައިވެރިވެއްޖެ


އެމެރިކާގެ ބޮސްޓަންގައި ބާއްވާ " ސީ ފުޑް އެކްސްޕޯ- ނޯތު އެމެރިކާ" ގައި މިފްކޯއިން ބައިވެރިވެއްޖެއެވެ.

މޯލްޑިވްްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓު، މިފްކޯގެ އުފެއްދުންތައް ދުނިޔެއަށް އިޝްތިހާރުކޮށް އާ މަރކެޓުތައް ހޯދުމަށްޓަކައި އެކުންފުނިން ބައިވެރިވެފައިވާ މި އެކްސްޕޯއަކީ ދެކުނު އެމެރިކާގައި ބާއްވާ ސީ ފުޑް އާއި ގުޅޭ އެންމެ ބޮޑު އެކްސްޕޯއެވެ.

މިމަހުގެ ސަތާރައިން ނަވާރައަށް ކުރިއަށްދާ މި އެކްސްޕޯގެ، މިފްކޯގެ ސްޓޭންޑުގައި މިފްކޯގެ ތަފާތު އުފެއްދުންތައް ފެންނަން ހުންނާނެއެވެ.

މި އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރޭގައި، އިމްޕޯޓަރުންނާއި، އެކްސްޕޯޓަރުންނާއި، ހޯލްސޭލަރުންނާއި، ރެސްޓޯރެންޓާއި ސްޕަރމަރކެޓް އަދި ހޮޓެލްތައް ހިންގާ ކުުންފުނިތައް ހިމެނެއެވެ.

މިފްކޯގެ އުފެއްދުންތައް ދުނިޔެއަށް އިޝްތިހާރުކޮށް، އިތުރު މާރކެޓްތައް ހޯދުމަށްޓަކައި މިފްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެެ.

އެގޮތުން ހުސްވިމަހު ދުބާއީގައި ބޭއްވި 'ގަލްފް ފުޑް ޓްރޭޑް ޝޯ' ގައިވެސް މިފްކޯއިން ވަނީ ބައިވެރިވެފައެވެ.

އެ ޓްރޭޑް ޝޯވް މެދުވެރިކޮށް، މެދުއިރުމަތީގެ ޤައުމުތަކުން މިފްކޯގެ އުފެއްދުންތަކަށް މާކެޓްތައް ހޯދުމަށް މަސައްކަތްތައް ކުރެވުނު ކަމަށް އެކުންފުނިން ބުނެއެވެ.