ތަރައްްޤީ

މާލޭގެ 2 މަގެއް ފިޔަވައި އެހެން ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރަނީ


މާލޭގެ ދެ މަގެއް ފިޔަވައި އެހެން ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފު ވިދާޅުވީ މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފެންބޮޑުވާ މައްސަލަ ދެނެގަތުމާއި މަގުތަކުގައި ހުރި އެހެނިހެން މައްސަލަތައްވެސް ދެނެގަތުމަށްޓަކާ އެކަމާގުޅޭ ބޭރުގެ ޚާއްސަ ކޮންސަލްޓެންޓެއް މިމަހުގެ ތެރޭގައި ރާއްޖެ އަންނާނެކަމަށެވެ. އަދި މަގުތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، މަގުތައް ތަރައްޤީކުރާނީ ޒަމާނީ ފެންވަރަށްކަމަށެވެ.

މާލޭގެ މަގުތަކުގެ ޙާލަތު ދެނެގަތުމުގެ މަސައްކަތާއި މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. މާލޭގެ މަގުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ކޮންމެ ސަރުކާރެއްގައިވެސް ގިނަ މަސައްކަތްތަކެއް ކުރާއިރު މާލޭގެ މަގުތައް ހެދިފައި ހުރިގޮތުން މިމައްސަލަތައް ޙައްލުކުރުމުގައި ގިނަ ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައެވެ.