ވިޔަފާރި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކަސްޓަމްސްއިން ބައްދަލުވުމެއް ކުރިއަށްގެންގޮސްފި


ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ކަސްޓަމްސްއިން ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ކަސްޓަމްސްއިން ކުރިއަށްގެންދިޔަ މި ބައްދަލުވުމަކީ ވިޔަފާރިވެރިންނަށް ކަސްޓަމްސްގެ މަސައްކަތްތަކާއި މެދު ހޭލުންތެރިކޮށް އަދި ވިޔަފާރިވެރިންގެ ޚިޔާލާއެކު ކަސްޓަމްސްގެ ޚިދުމަތްތައް ފުޅާކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް، އަޙްމަދު ނުޢުމާނު ވިދާޅުވީ ކަސްޓްމްސްގެ އަމާޒަކީ އެއިދާރާގައި ހުރި ގޮންޖެހުންތައް ދެނެގަނެ އާންމު ވިޔަފާރިވެރިންނާއި ގުޅިގެން ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާކުރުންކަމަށެވެ.

މި ބައްދަލުވުމުގައި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ 17 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގެ ތެރެއިން އިމްޕޯޓްކުރުމާއި އެކްސްޕޯޓުކުރުމުގައި ކަސްޓަމްސްގައި ރަޖިސްޓްރީކުރުމާއި މުދަލުގެ ޑިކްލަރޭޝަން ހުށަހެޅުމާއި މުދަލުގެ އަގު ފާސްކޮށް ޑިކްލަރޭޝަން ޕްރޮސެސްކުރުމުގައި އަމަލުކުރަމުންދާ ގޮތްތައް ކިޔައިދިނުން ކުރިއަށްދިޔައެވެ.
އަދި ކަސްޓަމްސްގެ ރިސްކް މެނޭޖްމެންޓް ސިސްޓަމް ނުވަތަ "ހިރާސް ނިޒާމް" ގެ ދަށުން މުދާ ޑެކްލެއަރކުރުމުގެ ކަންކަން ކުރިއަށްދާގޮތުގެ މަޢުލޫމާތު ބައިވެރިންނާއި ހިއްސާކުރެވުނުކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މީގެ އިތުރުން އިމްޕޯޓް އަދި އެކްސްޕޯޓް މުދަލާއި ގުޅިގެން ކަސްޓަމްސްއަށް ފައިސާ ދެއްކުމުގައި ހުރި ލުއިފަސޭހަތަކާއި، މުދާ ބަލައިފާސްކޮށް ދޫކުރުމުގެ މަރުޙަލާގައި މުދަލުގެ ވެރިފަރާތުން ސަމާލުކަން ދޭންޖެހޭ ކަންކަން އޮޅުންފިލުވައި ދެވުނެވެ. އަދި ޕޯސްޓް ކްލިއަރަންސް މަރުހަލާގައި ކަސްޓަމްސްއިން ޢަމަލުކުރާގޮތްތަކާއި ޚިދުމަތް ހޯއްދަޥާ ފަރާތްތަކަށް ތަފާސްހިސާބު ލިބޭނެ ލުއި ފަސޭހަ ގޮތްތަކާއި ބެހޭ ގޮތުން ވެސް ވިޔަފާރިވެރިންނަށް މަޢުލޫމާތުދެވުނެވެ.
މި ބައްދަލުވުމާއި ގުޅިގެން ކަސްޓަމްސްއިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އޮންލައިސް ސަރވޭއެއް ވެސް ހިންގާފައެވެ.

މި ބައްދަލުވުމަކީ "ޚިދުމަތުގައި ކުރިއަށް" މިޝިއާރުގެދަށުން އަހަރުގެ ފުރަތަމަ ތިންމަސް ދުވަހަށް އަމާޒުކޮށްގެން ކަސްޓަމްސްއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.