ޚަބަރު

ރާއްޖޭގެ ތަރައްޤީގައި އަމިއްލަ ޖަމްޢިއްޔާތަކުގެ ދައުރު ފުޅާކުރަންޖެހޭ - އަލީ ނަޒީރު


ކުންފުނިތަކުގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ކަންކަމުގެތެރޭގައި ހިމެނޭ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވަން ޖެހޭކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޒީރު ވިދާޅުވެއްޖެއެވެ. ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ ހަވަލި 2019ގެ ތެރެއިން ވިޔަފާރިވެރިންނާ ޖަމްޢިއްޔާތަކާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްގެންދިޔަ ސެޝަން ފަށްޓަވައިދެއްވާ ފާހަކަފުޅުދައްކަވަމުންނެވެ.

ހަވަލެ 2019ގެ ތެރެއިން ވިޔަފާރިވެރިންނާ ޖަމްޢިއްޔާތަކާ އޮންނަގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްގެންދިޔަ ސެޝަން ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް ޢާލީ ނަޒީރެވެ. މިސެޝަން ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ ރާއްޖެ ތަރައްޤީކުރުމަކީ ހަމައެކަނި ސަރުކާރަށްކުރެވޭނެ ކަމެއްނޫންކަމަށާ މިކަމުގައި ޖަމްޢިއްޔާތަކުގެ ބައިވެރިވުން މުހިއްމުކަމަށެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ މަދަނީ ޖަމްޢިއްޔާތަށް މިހާރަށް ވުރެ ހަރުދަނާކޮށް ބާރުވެރިކުރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަމްޢިއްޔާތަކުގެ ޙާލަތު ބަދަލުކުރުމަކީ ސަރުކާރުން ވަރަށްއިސްކަމެއް ދެއްވާކަމެއްކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މުޖުތަމަޢުގެ ލާބަޔަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް އެކިވިޔަފާރިތަކުން އެހީ ދޭން ޖެހެނީ ސަރުކާރުން އެދިގެން ނޫންކަމަށާ، އެއީ ކުންފުނިތަކުގެ ހިންގުމުގެ މޮޑެލްގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާކަމަކަށް ހެދުމަށް މަސައްކަތްކުރައްވަމުން ގެންދާވަކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މުޖުތަމަޢު ތެރޭގައި އެހީ ބޭނުންވާ އެތައްބަޔަކު ތިބޭއިރު ބައެއް ކުންފުނިތަކުގެ ސީއެސްއާރުގެ ދަށުން ކޮރަޕްޝަންގެ ޢަމަލުތައް ހިންގާއިރު އެފަދަކަންކަން ހުއްޓުވަން ޖެހޭކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ޖަމްޢިއްޔާތަކާއި ވިޔަފާރިތަކާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ޖަމްޢިއްޔާތައް ހިންގުމުގައިހުރި ދަތިތައް ދެނެގަނެ އެފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަންކަން ހިއްސާކުރުމަށްޓަކައި ކުރިއަށް ގެންދިޔަ ސެޝަންގައި ޖަމްޢިއްޔާތަކަށް ލިބުނު ފުރުސަތުތައް އެޖަމްޢިއްޔާތަކުންވަނީ ޕީއެސްއެމް ނިއުސްއާއި ހިއްސާކޮށްފައެވެ.

މަދަނީ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ފެއަރއެއް ބޭއްވުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. 100އަށް ވުރެ ގިނަ ޖަމްޢިއްޔާތަކުން މިފެއަރގައި ބައިވެރިވެފައިވާއިރު ވިޔަފާރިތަކުން ޖަމްޢިއްޔާތަކަށް އެހީތެރިކަން ދެވޭނެގޮތްތައް ދެނެގަނެ ގުޅުންތައް ބަދަހިވެގެންދާނެކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.