ޚަބަރު

އާސަހަރާގެ ޖާގަ އިތުރުކުރުމަށް ފަސްއަޅަނީ


އާސަހަރާގެ ޖާގަ އިތުރުކުރުމަށްޓަކައި، ސަހަރާގެ އިރުމަތީ ފަރާތައް ވެލިއެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މާލެސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެގޮތުން ވެލިއަޅަން ކަނޑައަޅާފައިވާ ސަރަޙައްދުގައި ހުރި މަހާނަގާތައް ނެގުމަށް އެތަނުގައި ވަޅުލާފައިވާ ފަރާތްތަކުގެ ޢާއިލާތަކަށް އަންގަވާފައިވާކަމަށް ސިޓީކައުންސިލުން ވިދާޅުވެއެވެ. ސިޓީ ކައުންސިލުންވިދާޅުވީ އާސަހަރާގައި މީހުންވަޅުލުމަށް ޖާގައިގެ ދަތިކަން އޮތުމުގެ ސަބަބުން، އިތުރު ފަށަލައަކަށް ވެލިއަޅައި ސަހަރާއިގައި މީހުން ވަޅުލެވޭނެގޮތް ހެދަންޖެހިފައިވާކަމަށެވެ.

އެހެންކަމުން ސަހަރާގެ އިރުމަތީ ފަރާތުގައި ހުރި މަހާނަތަކުގައި ޖަހާފައިވާ މަހާނަ ގާތައް މިމަހުގެ އެއްތިރީސްވަނަ ދުވަހުގެ ނިޔަލަށް ނަގައިދިނުމަށް ސިޓީ ކައުންސިލުންވަނީ އަންގަވާފައެވެ. މިމުއްދަތުގެ ތެރޭގައި އާއިލާތަކުން ނުނަގައި ހުރި މަހާނައް ގާތައް ނަގައި، ސިޓީ ކައުންސިލުން އެސަރަޙައްދަށް ވެލި އަޅާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މާލެގައިހުރި ސަރަހާތަކުގެ ޖާގަ ނެތުމުގެ ސަބަބުން، މާލޭގައި މިހާރު މީހުން ވަޅުލުމަށް ބޭނުންކުރަމުންދަނީ ހަމައެކަނި އާސަހާރާއެވެ. ނަމަވެސް އާ ސަހަރާގައި ޖާގައިގެ ދަތިކަން ކުރިމަތިވެ، މީގެކުރިންވެސް ވަނީ ގިނަފަށަލަތަކަކަށް ވެލިއަޅައި މައްޔިތުން ވަޅުލުމަށް އިތުރު ޖާގަތައް ހަދާފައެވެ.
ވޭތުވެދިޔަ ސަރުކާރުންވަނީ މާލޭގައި މަރުވާމީހުން ހުޅުމާލޭގައި ވަޅުލާގޮތަށްވެސް ބަދަލުކޮށްފައެވެ. ނަމަވެސް މިކަމާއި ގިނަބަޔަކު ހިންހަމަނުޖެހުން ފާޅުކުރުމާއި ގުޅިގެން، މީހުން ވަޅުލުމުގެ ކަންކަން އަލުންވަނީ މާލެއަށް ބަދަލުކޮށްފައެވެ.