ސިޔާސީ

ވޯޓު ކަރުދާސް ޗާޕްކުރުމަށް މި ފަހަރުވެސް އެމް - ސެވަންއާ ނޮވެލްޓީ


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލުމުންވެސް ޝައުޤުވެރިކަން ފާޅުކުރީ އެމް-ސެވަންއާއި ނޮވެލްޓީން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޭނުންކުރާނެ ވޯޓު ކަރުދާސް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ކުރި އިއުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާ ކަމަށް ބުނެ ދެވަނަ ފަހަރަށް އެ ފުރުޞަތު ހުޅުވާލާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ
މަޖިލިސް އިންތިޚާބުގައި ބޭނުންކުރާނެ ވޯޓު ކަރުދާސް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލުމުންވެސް ކުރިމަތިލީ ފުރަތަމަ ފަހަރުވެސް އެކަމުގެ ޝައުގުވެރިކަން ފާޅުކުރި އެމް-ސެވަންއާއި ނޮވެލްޓީން އެކަނި ކަމަށެވެ.

ޝަރީފް ވިދާޅުވީ ވޯޓު ކަރުދާސް ޗާޕްކުރުމަށް އެންމެ ރަނގަޅު ފަރާތަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެކަމަށް ކުރިމަތިލާފައި ދެ ފަރާތްވެސް ރަނގަޅަށް އިވެލުއޭޓް ކުރުމަށްފަހު އެކަމަށް އެންމެ ރަނގަޅު ބައެއް ބަލާފައި އިންތިޚާބުގެ ވޯޓު ކަރުދާސްތައް ޗާޕްކުރުމުގެ މަސައްކަތް ހަވާލު ކުރާނެ ކަމަށެވެ. އަދި އެއަށްފަހު ވޯޓް ކަރުދާސް ޗާޕް ކުރާނެ އަދަދު އިއުލާން ކުރައްވާނެ ކަމަށެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓް ކަރުދާސް ޗާޕްކޮށްދިނުމަށް ބިޑް ހުށަހަޅާފައިވާ އެމް-ސެވެން އަކީ މިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކޮށްދިން ކުންފުންޏެވެ.