ސިޔާސީ

ގައިދީންނަށް ސިޔާސީ މަޤާމުތައް ނުފުރޭގޮތަށް ޤާނޫ އިސްލާހުކޮށްފި


ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގައި ބައިވެރިވުމާއި އެފަދަ ތަންތަނުގެ އިސް މަގާމުތައް ފުރުން މަނާކުރާ ގޮތަށް، ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ހުށައެޅުއްވި އެއިސްލާހު ފާސްވީ ވޯޓްގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.ޖަމީލް ހުށައަޅުއްވާފައިވާ އިސްލާހުގައިވާގޮތުން ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުމުގެ އިތުރުން، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ޖަލުގައި ބަންދުކުރެވިފައިވާ ހުންނަ މުއްދަތުގައި ލިބިގެން ނުވާކަމަށެވެ.މީގެ އިތުރުން މިއިސްލާހުގައިވާގޮތުން، ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތެއް ޖަލުން ފިލައިގެން ނުވަތަ ބޭސްފަރުވާއަށް  ޖަލުން ބޭރުގައި ހޭދަ ކުރާ ދުވަސްތައް، ހުކުމް ތަންފީޒު ކުރާ ދުވަސްތަކުގެ ތެރޭގައި ނުހިމެނޭނެއެވެ. އަދި ހުކުމް ތަންފީޒު ކުރާ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބި ޕެރޯލްއާއި ގުޅޭ ގޮތުން ޕެރޯލް ބޯޑުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެނިންމުން ނިންމިތާ ފަސްދޮޅަސް ދުވަހުގެ ތެރޭގައި ޝަރީއަތަށް ހުށައެޅުމުގެ ހައްގު ހުކުމް ތަންފީޒުކުރާ މީހަކަށް ލިބިގެންވާކަމަށް އެއިސްލާހުގައިވެއެވެ.މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް އިދިކޮޅު މެމްބަރުންވަނީ އަޑުގަދަކޮށް ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސްއަޅާފައެވެ.ރައްޔިތުންގެ މަޖިލިސް މިއަހަރަށް ފެށިފަހުން އިދިކޮޅު އެމްޑީޕީގެ މެމްބަރުން ގެންދަވަނީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ބާރުއެޅުމުގެ ގޮތުން މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖް ކުރައްވަމުންނެވެ.