ޚަބަރު

ކޮންމެ ކުޅުންތެރިޔަކަށްވެސް ހަމަހަމައަށް ފުރުސަތު އޮންނާނެ - ޒިދާން


ރެއާލްމެޑްރިޑްގައި މުޅިންވެސް ތިބީ މޮޅު ކުޅުންތެރިންކަމަށާއި، ކޮންމެ ކުޅުންތެރިއަކަށްވެސް ހަމަހަމަ ފުރުސަތުދޭނެކަމަށް ކޯޗް ޒައިންދީން ޒިދާން ބުނެފިއެވެ.

ޓީމާ ހަވާލުވުމަށްފަހު ފުރަތަމަ މެޗްގައި ސެލްޓަ ވީގޯ ދޭއް ސުމަކުން ބަލިކުރުމަށްފަހު ކޯޗް ބުނީ މެޗްގެ ފުރަތަމަ ކޮޅުގައި ޓީމަށް އުނދަގޫތަކެއް ދިވާމިކަމަށާއި ނަމަވެސް ކުޅުން ރަނގަޅުކޮށް ނިންމުންވެސް ރަނގަޅުކޮށްފި ކަމަށެވެ.

ރެއާލްގެ ދެ ލަނޑުވެސް އެ ޓީމުން ކާމިޔާބުކުރީ މެޗްގެ ދެވަނަ ހާފްގައެވެ. ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކުރީގެ ކޯޗު ސޮލާރީގެ ކޯޗްކަމުގައި ގިނަ މެޗްތަކުގަ ބެންޗުގައި ބޭންދި އިސްކޯއެވެ. ދެވަނަ ލަނޑު ޓީމަށް ކާމިޔާބުކޮށްދީ ލީޑް ފުޅާ ކޮށްދިނީ ގެރެތް ބޭލްއެވެ.

ސޮލާރީގެ ކޯޗްކަމުގަ ފުރުސަތު ނުލިބޭ ކީޕަރު ކޭލާ ނަވާސްވެސް ވަނީ ފުރަތަމަ އެގާރައިގަ ހިމެނި ރެއާލްއަށް މުހިންމު ސޭވްތަކެއް ކޮށްދީފައެވެ.

ސޮލާރީ ތަޖުރިބާހުރި ކުޅުންތެރިންނާ ދޭތެރޭ ކަންކުރި ގޮތާ ގުޅޭގޮތުން ސުވާލުކުރުމުން ޒިދާން ބުނީ އޭރު ކުޅުންތެރިންނާމެދު ބޭއިންސާފުން ކަންތައް ކުރިކަމަށް ގަބޫލު ނުކުރާ ކަމަށާއި، އެކަމުގެ ތެރެއަށް ވަދެ އެވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. އަދި ޓީމްގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކީވެސް އޭނާއަށް މުހިންމު ކުޅުންތެރިން ކަމަށާއި، ހުރިހާ ކުޅުންތެރިންނަށްވެސް އިތުބާރު ކުރާނެކަމަށެވެ.

މި މޮޅާއެކު ރެއާލްވަނީ ލަލީގާ ތާވަލުގެ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާ ދެ ޕޮއިންޓަށް ކައިރިއަށް ޖެހިލާފައެވެ.