ޚަބަރު

ސޫރިޔާގެ ރެފިއުޖީންގެ ގިނަ ބަޔަކު ޤައުމަށް އެނބުރިދާން ބޭނުންވޭ: ރަޝިޔާ


ސޫރިޔާގެ ހަނގުރާމައިގެ ސަބަބުން އެހެން ޤައުމުތަކަށް ހިޖުރަކޮށްފައިވާ ރެފިއުޖީންގެ ތެރެއިން އެ ޤައުމުތަކުގައި ދަފުތަރުވެފައިވާ ރެފިއުޖީންގެ ތެރެއިން އެކެއް ޕޮއިންޓް ހަތެއް މިލިއަން މީހުން، ޤައުމަށް އެނބުރިދާން ބޭނުންވާކަން ހާމަކޮށްފައިވާކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާގެ ރެފިއުޖީ ސެންޓަރުން ހޮނިހިރު ދުވަހު ޢާއްމުކުރި މަޢުލޫމާތު ބުނާގޮތުން، ދުނިޔޭގެ ނުވަ ޤައުމެއްގައި ދަފުތަރުވެފައިވާ ސޫރިޔާގެ ރެފިޖީންގެ ތެރެއިން އެކެއް ޕޮއިންޓް ހަތެއް މިލިއަން މީހުން، ސޫރިޔާއަށް އެނބުރިދާން ބޭނުންވެގެން، އެކަމަށް އެދެފައިވާކަމަށެވެ.

އެ ސެންޓަރުން ބުނެފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއްސުރެ ތިން ސަތޭކަ އަށްޑިހަ ނުވަހާސް ހަތް ސަތޭކަ ތިރީސް ފަސް މީހުން ޤައުމަށް އެނބުރި ގޮސްފައިވާކަމަށެވެ. އަދި ވޭތުވެދިޔަ ދެ ތިން ދުވަހުގެ ތެރޭގައި ލުބުނާނާއި އުރުދުންގައި ދިރިއުޅެމުންދާ ސޫރިޔާގެ ރެފިއުޖީންގެ ތެރެއިން އެއްހާސް އެއްސަތޭކަ ފަސްދޮޅަސް ރެފިއުޖީން އެނބުރާ ސޫރިޔާއަށް ގޮސްފައިވާކަމަށެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާގެ ރެފިއުޖީ ސެންޓަރުން ބުނެފައިވަނީ، ބޭރުގެ ޤައުމުތަކުގައި ދިރިއުޅެމުންދާ ސޫރިޔާގެ ރެފިއުޖީން ސޫރިޔާއަށް ގެންދިއުމަށްޓަކައި ސޫރިޔާގެ ސަރުކާރުން އެކަށިގެންވާ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ. 2011 ވަނަ އަހަރުއްސުރެ ސޫރިޔާގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސާޅިސް ފަސް ޤައުމެއްގައި އެ ޤައުމުގެ ހަ މިލިއަންއަށް ވުރެ ގިނަ ރެފިއުޖީން ދިރިއުޅެމުންދާ ކަމަށް އދން މި އަަހަރުގެ ޖެނުއަރީ މަހު ވަނީ ބުނެފައެވެ.