ޚަބަރު

މާލެއާއި ހުޅުމާލެއާ ދެމެދު ދޭ ބަހުގެ ޚިދުމަތް ދަންވަރު 1:00އާ ހަމައަށް ދޭން ފަށަނީ


މާލެއާއި ހުޅުމާލެއާ ދެމެދު ދެމުންގެންދާ ބަހުގެ ޚިދުމަތް ދަންވަރު އެކެއް ޖެހުމާ ހަމައަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

ބަހުގެ ޚިދުމަތްދޭ ވަގުތު އިތުރުކުރަން ނިންމީ އެ ޚިދުމަތް ހޯދާ މީހުން ގިނަވަމުންދާކަން ފާހަގަކުރެވޭތީކަމަށް އެމްޕީއެލް އިން ބުނެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން މާލެއާއި ހުޅުމާލެއާއި ދެމެދު ބަހުގެ ޚިދުމަތްދޭން ފަށަނީ ކޮންމެ ދުވަހެއްގެ ފަތިހު 5:40ގައެެވެ. އަދި މާލެއިން ހުޅުމާލެއަށްދާ އެންމެ ފަހު ބަސް އޮންނަނީ ރޭގަނޑު 11.30ގައެވެ. ނަމަވެސް ރޭގަނޑު 11:30ގެ ބަހުން ހުޅުމާލެއަށް ދިއުމަށް ގިނަ ބަޔަކު ދާކަން ފާހަގަކޮށްލެވެއެވެ.

އެމްޕީއެލްއިން ބުނީ މެންދަމު އެކެއްޖެހުމާ ހަމައަށް ބަހުގެ ޚިދުމަތްދޭން ނިންމީ، ރޭގަނޑު 11:30ގެ ބަހުންދާ މީހުންގެ އަދަދު އިތުރުވަމުންދާތީ ގިނަ ބަޔަކަށް ޚިދުމަތް ދިނުމުގެ މަޤްޞަދުގައި ކަމަށެވެ.

އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުޙައްމަދު މަޙްޖޫބު ވިދާޅުވީ މިހާރުވެސް، ސްކޫލާއި އޮފީސް ފެށޭ ގަޑިއާއި، ނިމޭ ގަޑިތަކުގައި ކޮންމެ 10 މިނެޓަކުން ބަސް ދަތުރުތައް ބާއްވަމުން ދާކަމަށެވެ. އަދި އެހެން ވަގުތުތަކުގައިވެސް ބަސް ސްޓޮޕްތަކުގައި ތިބޭ މީހުންގެ އަދަދު ގިނަވާކަން ފާހަގަކުރެވޭނަމަ އިތުރު ބަސްތައް ނެރެގެން ޚިދުމަތްދެމުންދާކަމަށެވެ.

މާލެއާއި ހުޅުމާލެއާ ދެމެދު ބަހުގެ ޚިދުމަތްދޭން އެމްޕީއެލްއިން ފަށާފައިވަނީ ސިނަމާލެ ބްރިޖު ހުޅުވުމާ ގުޅިގެން މިދިޔަ އަަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އޭރު ނުވަ ބަސް ސްޓޮޕަކުން މީހުން އެރުވި ނަމަވެސް، ބަސް ސްޓޮޕްތަކުގެ އަދަދު މިހާރު އިތުރުކޮށް، ޚިދުމަތް ދިނުމުގައި ގެންގުޅޭ ބަހުގެ އަދަދުވެސް އެމްޕީއެލްއިން ވަނީ އިތުރުކޮށްފައެވެ.

އެގޮތުން ބަހުގެ ޚިދުމަތް ދިނުމަށް މިހާރު 22 ބަސް ބޭނުންކުރަމުންދާއިރު، މާލޭގައި ހަދާފައިވާ މައި ބަސް ސްޓޭޝަނުގެ އިތުރުން އިތުރު 3 ބަސް ސްޓޮޕް މާލޭގެ ރިންގް ރޯޑުގައި ހުރެއެވެ. އަދި ހުޅުމާލޭގައި 7 ބަސް ސްޓޮޕް ހުރެއެވެ.

ޓްރާސްސްޕޯޓް މިނިސްޓްރީއިން ދާދި ފަހުންވަނީ ބަހުގެ ޚިދުމަތް މޯލްޑިވްސް ޓްރާސންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ދަށަށް ބަލުކުރަން ނިންމާފައެވެ. މިގޮތަށް ބަދަލުކުރަން ނީންމީ ދަތުރުފަތުރާއި ގުޅޭ ޚިދުމަތްތައް އެއް ކުންފުންޏެއްގެ ދަށަށް ބަދަލުކުރުމަށްކަަމަށް މިނިސްޓްރީއިން ބުނެއެވެ.

މާލެތެރޭގައި ބަހުގެ ޚިދުމަތް ދިނުމަށްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި ޚިދުމަތް ދިނުމަށް މާލޭގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އިލެކްޓްރިކް މިނީ ބަސް ކަމަށް އެ ކުންފުނިން ވަނީ ބުނެެފައެވެ. މި ޚިދުމަތް ދިނުމަށް 24 މީހުންގެ 20 ބަސް ގެނައުމަށް ހަމަޖެހިފައިވާއިރު މި ޚިދުމަތާއެކު މުޅި މާލެއާއި ހުޅުމާލެ، ބަހުގެ ޚިދުމަތުން ގުޅާލެވޭނެއެވެ.