ޚަބަރު

ކޮންމެ ދިވެއްސަކީވެސް ކަނޑުއަޑީގެ ދިރުންތަކަށް ލޯބިކުރާ ފަރާތަކަށް ވާންޖެހޭ- ޒަހާ


މިޔަރާއި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމުގައި ދިވެހިން ދުނިޔޭގެ އެންމެ ކުރީ ސަފުން ޖާގަހޯދާފައިވާއިރު، މި ޝަރަފު ދެމެހެއްޓުމައްޓަކައި ކޮންމެ ދިވެއްސަކީވެސް ކަނޑުއަޑީގެ ދިރުންތަކަށް ލޯބިކުރާ މީހަކަށް ވާންޖެހޭކަމަށް މިނިސްޓަރ އޮފް ފިޝަރީސް މެރިން ރިސޯސެސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަހާ މިފަދައިން ވިދާޅުވީ، މިޔަރާއި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމަށް ދިވެހި ސަރުކާރުން ބާއްވާ ސަރަހައްދީ މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވުމުގެގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީސީސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ"، ސައިޓީސްގެ 18 ވަނަ ކޮންފަރެންސްއަށް ތައްޔާރުވުމަށް އޭޝިއާ ޕެސިފިކް ޤައުމުތަކަށް އަމާޒުކޮށްގެން ބޭއްވި ވޯކްޝޮޕް ފައްޓަވައިދެއްވީ ސޯލްޓް ރެސްޓޯރެންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފިޝަރީސް މެރިން ރިސޯސެސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދެވެ.

މި ވޯކްޝޮޕް ފައްޓަވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒަހާ ވަނީ، ކަނޑުއަޑިއާއި ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގައި ދިވެހިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އަދި ވަކިން ޚާއްސަކޮށް ރާއްޖޭން މިޔަރާއި މަޑީގެ ބާވަތްތަށް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަކީ މުޅިދުނިޔެވެސް ބަލައިގެންފައިވާ މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި 17 ވަނަ ސައިޓީސް ކޮންފަރެންސްއާއި މިއަހަރު ސްރިލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ސައިޓީސް ކޮންފަރެންސްގައި ރާއްޖެއިން ކުރާ މަސައްކަތްތަކުންވެސް މިކަން ހާމަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"2016 ވަނަ އަހަރު ސައިޓީސް ކޕް 17 ގައި ދިވެހިރާއްޖެއިން އިސްނަގައިގެން ވަނީ އޮއިވާލި މިޔަރު ސައިޓީސް އެޕެންޑިކްސް 2 ގައި ހިމަނާފައިވަނީ މި ކޮންފަރެންސްގެ ޤައުމުތަކުގެ މެޖޯރިޓީއާއިއެކު. މީގެ އިތުރުން މިއަހަރު ސްރިލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 18ގައި ވޮށިމަސް މިޔަރާއި، މަޑީގެ ދެ ޢާއިލާއެއްކަމަށްވާ މަޑި މިޔަރު އަދި ވެޖްފިޝް ސައިޓީސް އެޕެންޑިކްސް 2ކަށް ލުމަށް ރާއްޖެއިންވަނީ ކޯ ސްޕޮންސަރކޮށްފައި." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ސައުތް އީސްޓް އޭޝިއާގެ 10 ޤައުމަކުންވަނީ ބައިވެރިވެފައެވެ. އެއީ ރާއްޖެ ހިމެނޭގޮތަށް ބަންގްލަދޭޝް، ބޫޓާން، ކެމްބޯޑިއާ، އިންޑިއާ، މެލޭޝިއާ، މިޔަންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރިލަންކާ ހިމެނެއެވެ.