ވިޔަފާރި

ޢިމާރާތްކުރުމާގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމްޢިއްޔާތަކުގެ ގަވާއިދު ނެރެފި


ޢިމާރާތްކުރުމާގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމުޢިއްޔާތަކުގެ ގަވާއިދެއް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާއްމުކޮށްފިއެވެ.

މި ގަވާއިދު މިހާރު ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާއިރު، މިފަދަ ޤަވާއިދެއްގެ މަޤްސަދަކީ ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާއާ ގުޅުން ހުރި ޖަމުޢިއްޔާތައް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގައި ރަޖިސްޓަރީކުރުމާއި، ރަޖިސްޓަރީކުރުމުގައި ގެންގުޅޭނެ މިންގަނޑުތަކެއް ކަނޑައެޅުންކަމަށް އެގަވާއިދުގައިވެއެވެ.

ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން އެކުލަވާލާފައިވާ ޢިމާރާތްކުރުމާގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމްޢިއްޔާތަކުގެ ގަވާއިދުގައި، ރަޖިސްޓަރީ ކުރެވޭ ޖަމްޢިއްޔާތަކުގެ މަސްއޫލިއްޔަތުކާއި، ރަޖިސްޓަރީކުރެވޭ ޖަމްޢިއްޔާތަކުގެ ސުލޫކީ މިންގަނޑު ކަނޑައެޅައިފައިވެއެވެ. އަދި ޖަމުޢިއްޔާތަކަށް މިނިސްޓްރީން އެކިއެކި ކަންކަމުގައި އިސްކަންދޭނެ މިންގަނޑެއް ކަނޑައެޅުމާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ގޮތްތައް ކަނޑައަޅައި ބަޔާންކުރުންފަދަ ކަންތައްތައް މި ގަވާއިދުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ގަވާއިދުގެ ދަށުން ޢިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމުޢިއްޔާތަކުގެ ދަފްތަރެއް މިނިސްޓްރީން އެކުލަވައިލުމަށް ވަނީ ހަމަޖެހިފައެވެ.

ޖަމުޢިއްޔާތައް ރަޖިސްޓަރީ ކުރެވޭނެ މުއްދަތާއި، ރަޖިސްޓަރީ އައުކުރެވޭނެ މުއްދަތުވެސް މިޤަވާއިދުގައި ކަނޑައެޅިފައިވެއެވެ. މިނިސްޓްރީގެ ދަފުތަރުން ޖަމުޢިއްޔާގެ ނަން އުނިކޮށް، ރަޖިސްޓަރީ ބާޠިލްކުރެވޭނެ އުސޫލުތައް ފަދަ ކަންތައްތައްވެސް މި ގަވާއިދުގައި ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރެވޭނީ އާކިޓެކްޓުންގެ ޖަމްޢިއްޔާތަކާއި، އިންޖިނިއަރުންގެ ޖަމްޢިއްޔާތަކާއި ކޮންޓްރެކްޓަރުންގެ ޖަމްޢިއްޔާތަކާއި ފަންނީ ފަރާތްތަކުގެ ޖަމުޢިއްޔާތަކެވެ.

ޢިމާރާތްކުރުމުގެ ދާއިރާގެ ވަކި ފަންނަކަށް ޚާއްޞަކޮށްފައިވާ ޖަމްޢިއްޔާއެއްނަމަ، އެ ޖަމްޢިއްޔާއެއްގެ ޖުމްލަ މެންބަރުންގެ ފަސްދޮޅަސް އިންސައްތަ މެންބަރުންނަކީ ޚާއްޞަކޮށްފައިވާ ފަންނުން ޢިލްމް ލިބިފައިވާ ފަރާތްތައް ހިމެނޭ ޖަމްޢިއްޔާއަކަށް ވާންވާނެއެވެ. އަދި އެ ޖަމްޢިއްޔާގެ މެންބަރުންގެ ތެރެއިން މަދުވެގެން ތިރީސް އިންސައްތަ މެންބަރުން ޕްލޭނިންގ މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވިފައި ވާންޖެހޭކަމަށްވެސް ގަވާއިދުގައިވެއެވެ.

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅަންވާނީ މި ގަވާއިދު ތަންފީޛުކުރާތާ އެއްތިރީސް ދުވަހުން ފެށިގެންނެވެ.