ވިޔަފާރި

ސައުތު އެފްރިކަން އެއަރވޭސްގެ އިތުރު ފުލައިޓްތައް އައްޑޫއަށް


މިއަހަރުގެ މެދުތެރޭގައި ސައުތު އެފްރިކަން އެއަރލައިންގެ އިތުރު ފުލައިޓްތައް އައްޑޫ ސިޓީއަށް ދަތުރުކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ސައުތު އެފްރިކަން އެއަރލައިންގެ އިސްވެރިންނާއި ބައްދަލުވިކަމަށާއި، މި ބައްދަލުވުމުގައި ސައުތު އެފްރިކަން އެއަރވޭސްއިން އައްޑޫ ސިޓީއަށްކުރާ ދަތުރުތައް ކާމިޔާބުކަމާއިއެކު ކުރިއަށްދާކަމަށް ސައުތު އެފްރިކަން އެއަރވޭސްގެ އިސްވެރިން ފާހަގަކުރެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަހަރުގެ މެދުތެރޭގައި ސައުތު އެފްރިކަން އެއަރވޭސްގެ އިތުރު ފުލައިޓްތައް އައްޑޫސިޓީއަށް ދަތުރު ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީ ނޫން ރާއްޖޭގެ އެހެން މަންޒިލްތަކަށްވެސް ސައުތު އެފްރިކަން އެއަރވޭސްގެ ދަތުރުތައް ފެށުމަށް މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި މާލެ ނައިސް ރާއްޖޭގެ އުތުރާއި ދެކުނަށް ފަތުރުވެރިން ގެންދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަމުން އަންނަކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ސައުތު އެފްރިކަން އެއާވޭސްއިން އައްޑޫސިޓީއަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ދަތުރުތައް ފެށުމާއެކު ސައުތު އެފްރިކާ ސަރަހައްދުން އައްޑޫއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދަނީ އަންނަމުންނެވެ. އަދި މި ދަތުރުތަކުގައި 20 ޓަނުގެ ކާގޯ ރާއްޖެ އިމްޕޯޓްކޮށް އެކްސްޕޯޓުކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.