ވިޔަފާރި

ރާއްޖޭގެ ތަރައްޤީއަށް 50 މިލިއަން ޑޮލަރުގެ އެހީއެއް ދޭން އޮފިޑުން ނިންމައިފި


ރާއްޖޭގެ 13 ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ފަންސާސް މިލިއަން ޑޮލަރު ނުވަތަ ހަތްސަތޭކަ ހަތްދިހަ ދެ މިލިއަން ރުފިޔާގެ ލޯނު އެހީއެއް ދިނުމަށް އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، އޮފިޑުން ނިންމައިފިއެވެ.

އޮފިޑުން މިގޮތަށް ނިންމާފައިވަނީ އޮސްޓްރިއާގެ ވިއެނާގައި ހުންނަ އޮޕެކް ފަންޑު ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްގެ ހެޑްކުއާޓަރސްގައި ބޭއްވި އޮފިޑްގެ ގަވަރނިންގ ބޯޑުގެ ސަތޭކަ ފަސްދޮޅަސް ހަވަނަ ސެޝަންގައެވެ.

އޮފިޑުން ނެރެފައި ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ލޯން އެހީގެ ސަބަބުން ގާތްގަނޑަކަށް ވިހިހާސް ދިވެހިންނަށް އޭގެ މަންފާކުރާނެ ކަމަށެވެ. އެގޮތުން ސިއްޙީ ފަރުވާގެ ޙިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، ބަނދަރު މަރާމާތް ކުރުމުގެ މަސައްކަތުގެ އިތުރުން ބޯފެނުގެ ހިދުމަތާއި ނަރުދަމާގެ ނިޒާމް ރަށްރަށުގައި ޤާއިމްކުރުން ފަދަ މަޝްރޫއުތަކަށް މި އެހީގެ ދަށުން ދެވޭ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށް އޮފިޑުގެ ނޫސް ބަޔާނުގައިވެއެވެ.

އޮފިޑްގެ ގަވަރނިންގ ބޯޑުގެ ސަތޭކަ ފަސްދޮޅަސް ހަވަނަ ސެޝަންގައި ދުނިޔޭގެ އެކި ހިސާބުތަކުގެ ޤައުމުތަށް ހިމެނޭހެން ޖުމްލަ ތިންސަތޭކަ ތިން މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައެވެ.