މައްސަލަ ބޮޑުވެފައިވާ ބޮއިންގ ސެވަން ތްރީ ސެވަން މެކްސްގެ ހުރިހާ މަތިންދާބޯޓެއްގެ އުދުހުންތައް ވަގުތީގޮތުން މަޑުޖައްސާލުމަށް ބޮއިންގ ކުންފުނިން ނިންމައިފިއެވެ.
މަތިންދާބޯޓު އުފައްދާ އެމެރިކާގެ މަޝްހޫރު ބޮއިންގ ކުންފުނިން ބުނީ، މިވަގުތު ވައިގެ އުދުހުމުގައި ހަރަކާތްތެރިވާ ބޮއިންގ ސެވަން ތްރީ ސެވަން މެކްސްގެ ތިންސަތޭކަ ހަތްދިހަ އެއް ބޯޓުގެ އުދުހުންތައް ސަސްޕެންޑްކޮށްފައިވާކަމަށެވެ. ބޮއިންގ ސެވަން ތްރީ ސެވަން މެކްސްގެ ބޯޓުތައް އުދުހުން މަޑުޖައްސާލާފައި މިވަނީ، މިދިޔަ އާދީއްތަދުވަހު އިތިއޯޕިއަން އެއަރވޭސްއިން ބޭނުންކުރަމުންދިޔަ ބޮއިންގ ސެވަން ތްރީ ސެވަން މެކްސްގެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއަށްފަހުއެވެ. އޭގެ ކުރިން އޮކްޓޯބަރ މަހުވެސް ހަމަ އެ މަރުކާގެ ބޯޓެއް ވަނީ ވެއްޓިފައެވެ.
އެމެރިކާގެ ވައިގެ އުދުހުންތަކާބެހޭ އިދާރާ، ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބުނީ، ބޮއިންގ ސެވަން ތްރީ ސެވަން މެކްސްގެ ހުރިހާ ބޯޓެއްގެ އުދުހުންތައް ސަސްޕެންޑްކުރަން ނިންމީ، އެންމެފަހުން މަތިންދާބޯޓު ވެއްޓުނު ސަރަޙައްދުން ފެނުނު ހެކިތަކާއި ސެޓްލައިޓް ޑޭޓާއިން ލިބުނު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށްކަމަށެވެ.
ހަ މަސް ދުވަހުގެ ތެރޭގައި ބޮއިންގ ސެވަން ތްރީ ސެވަން މެކްސްގެ ދެ ބޯޓެއް ވެއްޓިފައިވާއިރު، ދެ ހާދިސާގައިވެސް އެއްގޮތް ކަންތައްތަކެއް އެބަހުރިކަމަށާއި އަދި އެއީ ބޯޓުގެ މައްސަލައެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން ބޮއިންގ ސެވަން ތްރީ ސެވަން މެކްސްގެ ބޯޓުތަކުގެ އުދުހުންތައް މަޑުޖައްސާލުމުގެ ކުރިންވެސް ބައެއް ޤައުމުތަކާއި އެއަރލައިންތަކުން ވަނީ އެމަރުކާގެ ބޯޓުތައް ބޭނުންކުރަން ހުއްޓާލާފައެވެ. ބޮއިންގ ސެވަން ތްރީ ސެވަން މަރުކާގެ ބޯޓުތައް ބޭނުންކުރުން ހުއްޓާލި ޤައުމުތަކުގެ ތެރޭގައި ޗައިނާ، އިނގިރޭސިވިލާތް، އިންޑިއާ، އޮސްޓްރޭލިއާ އަދި އެމެރިކާއާއި ބްރެޒިލް ހިމެނެއެވެ.
ބޮއިންގއިން 2016 ވަނަ އަހަރު ވައިގެ އުދުހުމަށް ނެރުނު ސެވަން ތްރީ ސެވަން މެކްސްގެ ހުރިހާ ބޯޓެއް ގްރައުންޑްކޮށްފައިވާއިރު، ބޮއިންގ ކުންފުނިން ބުނަނީ ސެވަން ތްރީ ސެވަންގެ މަރުކާގެ ބޯޓުތަކަށް އެކުންފުނީގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ. އަދި ބޯޓުތައް ގްރައުންޑްކުރީ މައްސަލަ ތަހުޤީޤްކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުންދީ، ބޯޓާމެދު އާއްމުންގެ މެދުގައި އޮތް އިތުބާރު ދެމެހެއްޓުމަށްކަމަށެވެ.
މަތިންދާބޯޓު ވެއްޓުނު ހާދިސާއަށްފަހު ބޮއިންގ ކުންފުންޏަށް ގެއްލުންތައް ކުރިމަތިވަމުންދާއިރު، އެކުންފުނީގެ ޚިއްސާގެ އަގުތައް ދަށަށް ގޮސް، ކުންފުނީގެ މާކެޓް ވެލިއު ވަނީ ދަށްވެފައެވެ.
އެއަރލައިންތަކުން ބޮއިންގ ސެވަން ތްރީ ސެވަން މެކްސްގެ ބޯޓުތައް ބޭނުންކުރުން ހުއްޓާލާފައިވާއިރު، އެމަރުކާއިގެ ބޯޓު އެންމެ ގިނައިން ބޭނުންކުރަނީ އެމެރިކާގެ ސައުތު ވެސްޓް އެއަރލައިނުންނެވެ. ސައުތު ވެސްޓް އެއަރލައިނުން 34 މަތިންދާބޯޓެއް ބޭނުންކުރާއިރު، އެފަރާތުން ބުނީ ޝެޑިއުލް ދަތުރުތަކުން ސެވަން ތްރީ ސެވަންގެ ހުރިހާ ބޯޓެއް ނަގާފައިވާކަމަށެވެ. މިބޯޓު ބޭނުންކުރާ އެހެން އެއަރލައިންތަކުންވެސް ބޯޓުތައް ގްރައުންޑްކޮށްފައިވާއިރު، އެކަމުގެ ސަބަބުން ފްލައިޓް ދަތުރުތަކަށް މާބޮޑު އަސަރެއް ނުކުރާނެކަމަށް އެއަރލައިންތަކުން ބުނެއެވެ.
އެއަރލައިންތަކުން ބޮއިންގ ސެވަން ތްރީ ސެވަން މެކްސްގެ ބޯޓުތައް ބޭނުންކުރުން ހުއްޓާލިއިރު، މީގެ ކުރިން ބައެއް ޕައިލެޓުންވެސް ވަނީ އެބޯޓާމެދު ޝަކުވާކޮށްފައިކަމަށް ޚަބަރުތައް ބުނެއެވެ. މިގޮތުން ބޯޓު ނައްޓާލާއިރު ބޯޓު ކޮންޓްރޯލްކުރުމުގައި ދަތިތަކެއް ހުންނަކަމަށް ޕައިލެޓުން ބުނާއިރު، ވެއްޓުނު ބޮއިންގ ސެވަން ތްރީ ސެވަން މެކްސްގެ ދެ މަތިންދާބޯޓުވެސް ވެއްޓިފައިވަނީ ނައްޓާލަން އުޅުމުގެ ތެރޭގައިކަން ފާހަގަވެއެވެ. އެހެންކަމުން މިއީ ބޯޓުގެ ޓެކްނިކަލް މައްސަލައެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.