ޚަބަރު

އަލްމާ ބޯޓް ފުންކޮށް ހުޅުމީދޫގައި ބަނދަރުކޮށްފި


މާލެއިން ފުރައިގެން ސ. ހުޅުމީދޫއަށް ދަތުރުކުރަނިކޮށް ފަރަށްއެރި އަލްމާ ބޯޓް ފުންކޮށް ހުޅުމީދޫގައި ބަނދަރުކޮށްފިއެވެ.

އެމްއެންޑީއެފް މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އަލްމާ ބޯޓު ހުޅުމީދޫ ނެރުބައްތީގެ އިރު ދެކުނު ފަރާތު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓު ގާޑުން ހަރަކާތްތެރިވަމުންދާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. އަދި އެ ބޯޓް ފުންކުރުމަށްފަހު ހުޅުމީދޫ ފަޅުތެރެއަށް މިހާރު ވައްދާފައިވާ ކަމަށާއި، ބޯޓް ދިޔަވަމުންދާތީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭ މެންދަމުން އަލިވެ 3 ޖަހާ އެހާކަންހާއިރު ކަމަށެވެ. މި ހާދިސާގައި އެ ބޯޓްގެ ބަނޑުފިލާއިން 3 ފޫޓުގެ ތަނެއް ހަލާކުވެފައިވެއެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި 11 މީހުން ތިބިއެވެ. އެއީ 5 ދިވެހިންނާއި 6 ބިދޭސީންނެވެ. މިއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އަލްމާ ބޯޓަކީ އައްޑޫސިޓީ ހުޅުމީދުއާއި މާލެއާ ދެމެދު ދަތުރު ކުރާ ބޯޓެކެވެ.