ޚަބަރު

އިސްރާއީލުން ޣައްޒާއަށް ޢުދުވާނީ ހަމަލާތަކެއް ދިފި


އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ޣައްޒާއަށް އުދުވާނީ ޙަމަލާތަކެއްދީފިއެވެ. އިސްރާއީލުގެ ސިފައިންގެ ތަރުޖަމާނު، އެވިޚާއި އަރްދަޢީ ވިދާޅުވީ އިސްރާއީލުގެ ވައިގެ ސިފައިންގެ ފައިޓަރ ޖެޓްތަކާއި ހެލިކޮޕްޓަރުތަކުން ޣައްޒާގެ ސަތޭކައަށްވުރެ ގިނަ އަމާޒުތަކަށް ހުކުރުދުވަހު ހަމަލާދިންކަމަށެވެ.

ހަމަލާތައް އަމާޒުކުރީ ޙަމާސް ޖަމާއަތުގެ ތަންތަނަށްކަމަށާއި ހަމަލާތައް ދިނީ، ޣައްޒާ ފޮނުވާލި ދެ ރޮކެޓް އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް އެރުމުންކަމަށް އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު ވިދާޅުވިއެވެ.

އެ ޖަމާއަތުން އިސްރާއީލަށް ހަމަލާދީފައިނުވާނެ ކަމަށާއި ހަމަލާ ދިންނަމަ އެކަން ކުރީ، ހަމާސްގެ އަސްކަރީ ގޮފީގައި ހިމެނޭ ބަޔަކު، ހަމާސްގެ އިސްކޮމާންޑްގެ ހުއްދައަކާނުލައިކަމަށް، ހަމާސް އިން ބުނެއެވެ. ހަމާސުން ނެރުނު ބަޔާނެއްގައި، ހަމަލާތައް ހުއްޓާލުމަށްޓަކައި އިސްރާއީލާއީ ހަމާސްއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމަށް މިސްރުން އަދާކުރާ ދައުރަށް އެއްބާރުލުން ދޭކަމާއި އިސްރާއީލާއެކު މިވަގުތު ކުރިމަތިލުމަކަށް ދާން ބޭނުންނުވާކަންވެސް ހާމަކޮށްފައިވެއެވެ.

ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދު ޖަމާއަތުންވެސްވަނީ އެ ޖަމާއަތުން އިސްރާއީލަށް ހަމަލާ ނުދޭކަމަށް ބުނެފައެވެ. ޣައްޒާއިން އިސްރާއީލުގެ ޓެލްއަވީވަށް ފޮނުވާލި ދެ މިސައިލް ހުއްޓުވުމަށް އިސްރާއީލުގެ މިސައިލް އައްޑަނައިގެ ނިޒާމު ނާކާމިޔާބުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.