ވިޔަފާރި

ނައިފަރުގައި 24 ގަޑިއިރު ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި


ފާދިއްޕޮޅު ނައިފަރުގައި 24 ގަޑިއިރު ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ނައިފަރު ކައުންސިލުން މިހާރު ވަނީ، އެރަށުގައި 24 ގަޑިއިރު ވިޔަފާރިކުރެވޭނެ ވަކި ސަރަޙައްދުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ނައިފަރުގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރެވޭނީ، ޓިއުލިޕް ހިނގުން، ޖަލާލުއްދީން ހިނގުން އަދި އިފްތިތާޙީ މަގުގައި ހިންގާ ވިޔަފާރިތަކަށެވެ.

ނައިފަރު ކައުންސިލުން ބުނީ 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އިން އެކަމަށް ކަނޑައަޅާފައިވާ ފޯމް މެދުވެރިކޮށެވެ.

މި ފޯމް ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެ ކަމަށާއި، ހުއްދަ ދޫކުރާނީ ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަމަށް ނައިފަރު ކައުންސިލުން ބުނެއެވެ.

ހުއްދަ ދޫކުރުމުގެ ކުރިން، އިކޮނޮމިކް މިނިސްޓްރީން ހުއްދައަށް އެދޭ ތަންތަން ބަލާ ފާސްކުރާނެއެވެ.