ޚަބަރު

ޢަރަބި އިއްތިހާދަށް އެމެރިކާއިން ދޭ އެހީތެރިކަން ހުއްޓާލުމާ ބެހޭ ޤަރާރެއް ސެނެޓުން ފާސްކޮށްފި


ޔަމަނުގެ ހަނގުރާމައިގައި ޝާމިލުވާ ޢަރަބި އިއްތިހާދަށް އެމެރިކާއިން ދޭ އެހީތެރިކަން ހުއްޓާލުމާ ބެހޭ ޤަރާރެއް، ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ އެމެރިކާގެ ސެނެޓުން ފާސްކޮށްފިއެވެ.

ވެރިކަންކުރާ ޕާޓީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން މި ޤަރާރު ފާސްކޮށްފައިމިވަނީ ޢަރަބި އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވާ ސައުދީ ޢަރަބިއްޔާއާ މުޢާމަލާތްކުރުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތާ ދެކޮޅަށެވެ. ހަނި އަޣުލަބިއްޔަތަކުން ސެނެޓުގައި އެ ޤަރާރު ފާސްކޮށްފައިވަނީ 54 މެމްބަރުންގެ ވޯޓާއެކުގައެވެ.

މި ޤަރާރުގައި ބުނަނީ، ޔަމަނުގެ ހަނގުރާމައިގައި އެމެރިކާއިން އެއްވެސް ސިފައެއްގައި ބައިވެރިވެވޭނީ ކޮންގްރެސްގެ ރުހުން ލިބިގެން އެކަނިކަމަށެވެ.

ހަތަރު އަހަރަށް ދިގުލައިގެން ގޮސްފައިވާ ޔަމަނުގެ ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ޢާއްމުންނެއް ވަނީ މަރުވެފައެވެ. އދން އެ ހަނގުރާމަ ސިފަކުރަނީ ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ކާރިސާގެ ގޮތުގައެވެ.