ޚަބަރު

ރިންގް ރޯޑުގައި ގަސްއިންދުމުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރާގައި ނިމޭނެ - ސިފާ


ރާއްޖެއަކީ ގުދުރަތީ ރީތިކަމަށް މަޝްހޫރު ޤައުމެއްނަމަވެސް، ވެރިރަށް މާލެ ސިޓީއިން މި ފެހިކަމާއި އާރޯކަމުގެ ހަޤީޤީ ސިފަ ފެނިގެނެއް ނުދެއެވެ. ކޮންކްރީޓް ޖަންގައްޔެއްގެ ގޮތުގައި ސިފަކުރެވޭ މާލެ ސިޓީއަކީ ޢިޖުތިމާޢިގޮތުން ރައްކާތެރި ހިތްގައިމު ސިޓީއަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުންވަނީ ވަރަށްވެސް އުންމީދީ ޕްރޮޖެކްޓްތަކެއް އިއުލާނުކޮށްފައެވެ.

އެގޮތުން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ، މާލޭގެ ބައެއް މަގުތައް ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު ކަނޑައެޅޭ ވަކި ވަގުތަކަށް ބަންދުކޮށް އާއިލާއާއި ކުޑަ ކުދިނަށް ޖަޒީރާ މާހައުލެއް ހޯދައިދިނުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ. މީގެ އިތުރުން މާލެ ސިޓީއަކީ ސާފު ތަނަކަށް ހެދުމަށްޓަކައި ވެމްކޯއާއި ގުޅިގެން ސިޓީ ކައުންސިލުން ވަނީ ޚާއްޞަ މަސައްކަތްތަކެއްވެސް ފަށާފައެވެ.

މާލޭގައި އެންމެ ގިނައިން ކުނި އުފެދޭ ސަރަހައްދުތައް ދެނެގަނެ އެ ސަރަހައްދު ތަކުގައި އިތުރު ޑަސްބިންތައް ބެހެއްޓުމުގެ މަސައްކަތްވެސް ސިޓީކައުންސިލުން ވަނީ ފަށާފައެވެ. މީގެ އިތުރުން މާލެއަށް އަންނަ ފެރީތަކުން ފަޅުތެރެއަށާއި މޫދަށް އުކާ ކުނި މަދު ކުރުމަށްޓަކައި ފެރީތަކުގައި ޑަސްބިސްތައް ބެހެއްޓުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ.

މާލޭ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، މާލެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަކަމަށެވެ. އެހެންކަމުން އެކަން ހައްލުކޮށް މާލެ ސިޓީއަކީ ސާފު ތާހިރު ތަނަކަށް ހެދުމަށް ކައުންސިލުން ޚާއްޞަ އިސްކަމެއް ދީފައިވާކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަވަނީ ފެރީތަކުން ގިނަ ކުނި މާލެ އެތެރެވޭ. މިކަމުން އެއްކިބާވުމަށް ސީއެސްއާރްގެ އެހީއަށް އެދިފައިވާނީ. އަދި ޕާލޭ އާއިއެކު މިމަސައްކަތްކުރުމަށް މަޝްވަރާވެސް ކޮށްފައިވާނީ." މޭޔަރ ސިފާ ވިދާޅުވިއެވެ.

މާލެ ސިޓީއަކީ ސާފުތަނަކަށް ހެދުމަށް ކުރާ މަސައްކަތާއެކު މާލެ ފެހު ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އެގޮތުން މާލޭގައި މިހާރު ތަރައްޤީކުރާ ޕާކުތަކާއި ފިނި މައިޒާންތަކަކީ، ޖަޒީރާ ކޮންސެޕްޓަށް ތަރައްޤީކުރާ ތަންތަންކަން ފާހަގަކުރައްވަމުން، މޭޔަރ ސިފާ ވިދާޅުވީ، މި ކޮންސެޕްޓަށް މިހާރު އާޓިފިޝަލް ބީޗާއި، ލޮނުޒިޔާރަތްކޮޅު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތްވެސް ފަށާފައިވާކަމަށެވެ.

އަދި މާލެ ސިޓީ ފެހިކުރުމުގެ މަޝްރޫޢުގެ ދަށުން، އެންވާރަމެންޓް މިނިސްޓްރީއިން ހަދިޔާކުރި 2،700 ގަސް މާލެ ސަރަހައްދުގައި އިންދުމުގެ މަސައްކަތް މިމަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށްވެސް ސިފާ ވިދާޅުވިއެވެ. މީގެތެރެއިން ގިނަ ގަސްތައް އިންދުމަށް ހަމަޖެހިފައިވަނީ ރިންގް ރޯޑްގައިކަން މޭޔަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް މިހާރުވަނީ އެންވާރަމެންޓް މިނިސްޓްރީއިން ހަދިޔާކޮއްދެއްވާފައިވާ 2،700 ގަސް އެބަހުރި. މި ގަސްތަށް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިންދާ ނިމޭނެ. އަޅުގަނޑުމެންގެ އުންމީދަކީ ތިޔަ ބޭފުޅުންވެސް އަޅުގަނޑުމެންނަށް ގަސް ހަދިޔާކުރުން އިނގޭތޯ." މޭޔަރ ސިފާ ވިދާޅުވިއެވެ.

މާލެ ސިޓީގައި އިންދުމަށް ސަރުކާރުން ސިޓީ ކައުންސިލާއި ހަވާލުކުރި ގަސްތަކުގެ ތެރޭގައި ރާއްޖޭގައި މިހާރުވެސް އާއްމުކޮށް ހުންނަ އެކި ވައްތަރުގެ ގަސްތައް ހިމެނެއެވެ. އެގޮތުން ހިތިގަހާއި، ބޮޑު ޖަވާހިރު ފަދަ ހިޔާ ލިބޭ ބޮޑެތި ގަސްތަކާއި، ކަރަންކާ މަލާއި، ޗަމްޕާ ޕޫލް ފަދަ މީރުވަސް ދުވާ މާ ގަސްތައްވެސް ހިމެނެއެވެ.