ޚަބަރު

ބްރިޖްގެ ފައިނަލް ސާރވޭ ހެދުމުގެ މަސައްކަތްތަށް ފަށައިފި


މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖްގެ ފައިނަލް ނިންމުންތަކަށް ބޭނުންވާ ސާރވޭ ހެދުމުގެ މަސައްކަތް މިހާރު ފެށިިގެން ކުރިއަށްދާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.އެމްބީސީ ނިއުސްއަށް މަޢޫލޫމާތު ދެއްވަމުން މިނިސްޓަރ މުޢިއްޒު ވިދާޅުވީ، މިހާރު މާލެ އައިސްގެން އުޅޭ ޗައިނާގެ ސާރވޭ ވަފްދުން ބްރިޖްގެ ފައިނަލް ކުރެހުންތަކާއި، އެހެނިހެން ނިންމުންތައްް ނިންމުމަށް ބޭނުންވާ ސާރވޭގެ މަސައްކަތްތައްް މިހާރު ކުރަމުންދާކަމަށެވެ.ބްރިޖް އެޅުމަށް ބޭނުންވާ ފުރަތަމަ ސާރވޭގެ މަސައްކަތް ސަރުކާރުން މިދިޔަ އަހަރުވަނީ ނިންމާފައެވެ. އަދި ޗައިނާ ސަރުކާރުން ފޮނުވާފައިވާ ސަރވޭޓީމުން މިހާރު ކުރިއަށްގެންދާ ދެވަނަ ސާރވޭގެ މަސައްކަތްތަކުގެ ތެރޭގައި، ކަނޑުއަޑީގެ ފުންމިނާއި، ބްރިޖްއަޅާ ސަރަހައްދުގެ ބިމުގެ އިންވެސްޓިގޭޝަން މަސައްކަތްތައްް ކުރިއަށްގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މީގެ އިތުރުން ބްރިޖްގެ މަސައްކަތަށް ބޭނުންވާ އިކްއިޕްމަންޓްސްތަކާއި، އެހެނިހެން ސާމާނުތައްވެސް ވަރަށް އަވަހަށް ރާއްޖެ ގެންނަން ފަށާނެކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ.މާލެ-ހުޅުލެ ބްރިޖް ސާވޭގެ މަސައްކަތް ކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެދަށުންނެވެ.ސާވޭގެ މަސައްކަތަށް ތިނެއް ނުވަތަ ހަތަރެއް މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނާއި، ޗައިނާ ސަރުކާރު ހިލޭ އެހީގައި އަޅާ ބްރިޖްގެ އަމަލީ މަސައްކަތް، މިއަހަރު ފަށާ ދެހާސް ސަތާރަ ވަނަ އަހަރު ބްރިޖް ހުޅުވޭނެކަމަށްވެސް ސަރުކާރުންވަނީ ބުނެފައެވެ.