ޚަބަރު

މާލޭގައި މިނީ ބަހުގެ ގޮތުގައި ބޭނުންކުރާނީ އިލެކްޓްރިކް ބަސް


މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާނީ އިލެކްޓްރިކް ބަސްކަމަށް އެމްޓީސީސީން ބުނެފިއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މާލެއަށް މިނީބަހުގެ ޚިދުމަތް ތަޢާރަފްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް ތަޢާރަފްކުރެވުމާއެކު މާލެތޭގައި ދަތުރުފަތުރުކުރުމަށް ހަރުދަނާ އަދި ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރެވިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

މިނީ ބަހުގެ ޚިދުމަތް ތަޢާރަފްކުރާގެ ގޮތާ ގުޅޭ މައޫލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ ޙަސަން ޝާހް ވިދާޅުވީ މިނީ ބަހުގެ ޚިދުމަތް އިލެކްޓްރިކް ބަހާއެކު ތައާރަފްކުރުމަށް ސަރުކާރުން އިސްކަންދެއްވާކަމަށެވެ. އިލެކްޓްރިކް ބަހަކީ ރާއްޖެއަށް މުޅިން އައު އެއްޗަކަށް ވުމުން މި ޚިދުމަތް ތަޢާރަފްކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށާއި، ޚިދުމަތް ފެށުމަށް ބޭނުންވާ އިލެކްޓްރިކް ބަސް ހޯދުމަށްޓަކައި އެކި ފަރާތްތަކާއެކު މަޝްވަރާކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"މިނީ ބަހުގެ ޚިދުމަތް ދިނުމަށް އިލެކްޓްރިކް ބަސް ބޭނުންކޮށްގެން ޚިދުމަތް ދިނުމަށް މިނިސްޓްރީގެ ވިސްނުން ހުރީ. މިއީ ރާއްޖެއަށް ތަޢާރަފްކޮށްފައިވާ ބަސްތަކެއް ނޫން. އިލެކްޓްރިކް ބަސްތައް ހޯދުމަށްޓަކާ މަޝްވަރާކޮށްފަވަނީ. އެހެންކަމުން މިކަން ކުރުމަށް ތައްޔާރުވަމުން މިދަނީ." ޝާހް ވިދާޅުވިއެވެ.

ސަރުކާރުން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި މާލެއަށް މި ޚިދުމަތް ދޭން ފަށާގޮތަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީއާ އެމްޓީސީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި މި ޚިދުމަތް ދިނުމަށް ގެންނާނެ ބަހުގެ އަދަދު ބަޔާންކޮށްފައި ނުވިނަމަވެސް، ޚިދުމަތް ފެށުމުގެ ގޮތުން 20 ބަސް ގެނެއުމަށް އެކުންފުންޏަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އަންގާވާފައެވެ. އަދި މި ކަމަށް ގެންނަ ބަސްތަކަކީ ގިނަވެގެން 24 މީހުންގެ ޖާގައިގެ ތިމާވެއްޓާ ރައްޓެހި ބަސްތަކަކަށް ވާންޖެހޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތްދޭން ފެށުމާއެކު އޭގެ ނަތީޖާއަށް ބަލައި ސްކޫލް ބަހުގެ ޚިދުމަތްވެސް ދޭން ފަށާނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީގައި މީގެ ކުރިންވެސް ބަހުގެ ޚިދުމަތް ދީފައިވެއެވެ. ނަމަވެސް އެކި ސަބަބުތަކާހެދި މި ޚިދުމަތް ވަނީ މެދުކެނޑިފައެވެ.