ޚަބަރު

އައިޖީއެމްއެޗް ޑޮކްޓަރުންނަށް ބައިނަލްއަޤްވާމީ ސިއްޙީ ޕްލެޓްފޯމެއް ބޭނުންކުރެވޭގޮތް ހަދައިފި


އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ސިއްޙީ މައުލޫމާތު ހިމެނޭ ބައިނަލްއަޤްވާމީ ޕްލެޓްފޯމް "އަޕްޓުޑޭޓް" ބޭނުންކުރެވޭގޮތް ހަދައިފިއެވެ.

އައިޖީއެމް ހޮސްޕިޓަލުން ބުނީ އެހޮސްޕިޓަލާއި އެހޮސްޕިޓަލްގެ ދަށުން ހިންގަމުންދާ ވިލިމާލެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންނަށް މި ޚިދުމަތް މިއަދުން ފެށިގެން ލިބެމުންދާނެކަމަށެވެ.

އަޕްޓުޑޭޓް ޕްލެޓްފޯމަކީ އެކި ހާލަތްތަކުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ޑޮކްޓަރުން ޢަމަލުކޮށްފައިވާގޮތާއި، ސިއްޙީ ގޮތުން ދިމާވާ ކަންކަމުގައި ޢަމަލުކުރާނެގޮތާއި، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސް ފަސޭހަކަމާއެކު ބެލޭގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްޙީ ޚިދުމަތްދޭ ހާހަކަށްވުރެ ގިނަ މަރުކަޒުގައި 1.7 މިލިއަނަށްވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުން މި ޕްލެޓްފޯމް ބޭނުންކުރެއެވެ.

އައިޖީއެމް ހޮސްޕިޓަލުން ބުނީ "އަޕްޓުޑޭޓް" ޕްލެޓްފޯމް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެހުމާ ގުޅިގެން އެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތައް އިތުރަށް ރަނގަޅުވެ، އެންމެ ފަހުގެ ސިއްޙީ މައުލޫމާތާއެކު ބަލިމީހުންނަށް ފަރުވާ ދިނުމުގެ މަގު އިތުރަށް ފަހިވެގެންދާނެކަމާށެވެ. މީގެ އިތުރުން ބަލިތަކާބެހޭ މައުލޫމާތާއި، ކަނޑައެޅިފައިވާ ތަހުލީލުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ބަލިތަކަށް ފަރުވާދޭގޮތާއި، ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަޒުތަކުން ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ އެންމެ ފަހުގެ އުކުޅުތައް ބެލޭނެ އިންތިޒާމް މި ޕްލެޓްފޯމްގެ ތެރެއިން ފަހިވެގެންދާނެއެވެ.

ސިއްޙީ ދާއިރާ އިތުރަށް ތަރައްޤީކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ބައެއް ރަށްރަށުގައި ޤާއިމުކޮށްފައިވާ ސިއްޙީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް ހޮސްޕިޓަލް ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ.