ސިޔާސީ

މަޖިލިސް އިންތިޚާބުގައި ބަހައްޓާ ވޯޓު ފޮށީގެ ޢަދަދު މަދުކޮށްފި


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ބަހައްޓާ ވޯޓު ފޮށީގެ ޢަދަދު 501 އަށް މަދުކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް މިއަދު ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ބަހައްޓާ ވޯޓު ފޮށީގެ ޢަދަދު މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށެވެ. މަޖިލިސް އިންތިޚާބުގައި މިހާރު ބެހެއްޓުމަށް ނިންމާފައިވާ ވޯޓު ފޮށީގެ ޢަދަދަކީ އިލެކްޝަންސް ކޮމިޝަނުން މީގެކުރިން އިޢުލާންކުރި ވޯޓު ފޮށިތަކަށްވުރެ ހަ ވޯޓު ފޮށި މަދު ޢަދަދެކެވެ.

ޝަރީފް ވިދާޅުވީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި 144 ވޯޓް ފޮށި ބަހައްޓާނެ ކަމަށެވެ. އަދި އަތޮޅުތަކާއި، ރާއްޖެއިން ބޭރުގައާ ރިސޯޓް އަދި ސިނާޢީ މަސައްކަތްކުރާ ތަންތަނާއި، ޖަލުތަކުގައި ޖުމްލަ 357 ވޯޓް ފޮށި ބަހައްޓާނެ ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި 389 ކެނޑިޑޭޓުން ވާދަކުރައްވާނެއެވެ. މިފަހަރުގެ އިންތިޚާބުގައި ކޮންމެ ވޯޓު ފޮށްޓަކަށްވެސް އެންމެ ގިނަވެގެން ވޯޓުލާނީ 1000 މީހުންކަމަށް އީސީން ވަނީ މީގެކުރިން ބުނެފައެވެ. އަދި ވޯޓު ފޮށްޓަކަށް ވޯޓުލާ ޢަދަދަކީ 700 އާއި 1000 އަށް ދެމެދު ޢަދަދެއްކަމަށްވާ ނަމަ ވޯޓް ކަރުދާސް ދޫކޮށް ހެދުމަށް ދެ މޭޒެއް ކޮންމެ މަރުކަޒެއްގައި ޤާއިމްކުރައްވާނެ ކަމަށްވެސް އިސީން ބުނެއެވެ.

މި އިންތިޚަބުގައި ދުއިސައްތަ ފަސްދޮޅަސް ހަތަރުހާސް ފަސްސަތޭކަ އަށްޑިހަ ނުވަ މީހުންނަސް ވޯޓުލުމުގެ ހައްޤުލިބިގެންވެއެވެ.