ޚަބަރު

އެމެރިކާ އާއި އަފްޣާން ތާލިބާނުންގެ ސުލްހައިގެ ވާހަކަތަކުގެ އިތުރު ބުރެއް ބާއްވަން ނިންމައިފި

ގަތަރުގައި ކުރިޔަށްދާ އެމެރިކާ އާއި އަފްޣާން ތާލިބާނުންގެ ސުލްހައިގެ ވާހަކަތަކުގެ އިތުރު ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.

އަފްޣާނިސްތާނުގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލް ވިދާޅުވީ އެމެރިކާ އާއި ތާލިބާނުންގެ ސުލްހައިގެ ވާހަކަތަކުގެ ހަވަނަ ބުރު އަންނަ ހަފުތާގައި ގަތަރުގެ ދަވްޙާގައި ފެށުމަށް އެދެފަރާތުން އެއްބަސްވެފައިވާކަމަށެވެ.

ގަތަރުގައި އެންމެފަހުން ބޭއްވި ސުލްޙައިގެ ވާހަކަތަކުންވެސް ބައެއް ކުރިއެރުންތައް ލިބުނު ކަމަށާ ސުލްޙައިގެ ވާހަކަތައް ބިނާވެފައިވާ މައިގަނޑު ހަތަރު ނުކުތާއަށް ތާލިބާނުންގެ ރުހުންވެސް ލިބުނުކަމަށް، އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ހަތަރު ނުކުތާއަކީ ޓެރިޒަމްގެ އަމަލުތައް ހުއްޓާލައި ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެއްބާރުލުން ދިނުމާއި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމާއި، އަފްޣާން ސަރުކާރާއި ތާލިބާނުން ސުލްޙަވުމާ އަދި ހަމަލާތައް ބަދަލުކުރުން ހުއްޓާލުންކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ރޮބަޓް ބެލެޑިނޯ ވިދާޅުވިއެވެ.

ގަތަރުގައި އެންމެ ފަހުން ބޭއްވި އެމެރިކާ އާއި ތާލިބާނުންގެ ސުލްޙައިގެ ވާހަކަތަކުގެ ފަސްވަނަ ބުރު ކޮޅެއްގައި ނުޖެހި ނިމުނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބާނެ ތާރީޚެއް ކަނޑައެޅުމުގައި އެއްބަސްވުމަކަށް ވާސިލުނުވެވިގެންނެެވެ.