ވިޔަފާރި

ބޭނުން ނުކުރާ 38 އެކައުންޓެއް އެޗްއެސްބީސީން ބަންދުކުރަނީ!


އެޗްއެސްބީސީގެ ރާއްޖޭގެ ބްރާންޗުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން އެއްވެސް މުއާމަލާތެއް ނުކުރާތާ 5 އަހަރުވެފައިވާ 38 އެކައުންޓެއް ބަންދުކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.

އެޗްއެސްބީސީންވަނީ އެ 38 އެކައުންޓުގެ ތަފްސީލް ހާމަކޮށްފައެވެ. އެޗްއެސްބީސީން ބުނީ، އެ ބޭންކުގެ މާލޭ ބްރާންޗުގެ ރެކޯޑްތައް ދައްކާ ގޮތުން އެ އެކައުންޓްތަކަކީ، ހުސްވި އަހަރުގެ ނިޔަލަށް، 5 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އެ އެކައުންޓްތަކުގެ ވެރިފަރާތްތަކުން އެއްވެސް މުޢާމަލާތެއް ކޮށްފައިނުވާ އެކައުންޓްތަކެއްކަމަށެވެ.

މި އެކައުންޓުތަކުގެ ވެރި ފަރާތްތަކަށް އެކައުންޓާއި މެދު އަމަލުކުރަންވީ ގޮތެއް ބޭންކަށް އަންގައިދިނުމަށް އެދި އެކައުންޓުގެ ވެރި ފަރާތްތަކަށް ސިޓީ ފޮނުވާފައިވާކަމަށެވެ. ދީފައިވާ މުއްދަތުގެ ތެރޭގައި ބޭންކަށް އެއްވެސް ޖަވާބެއް ދީފައިނުވާ ހުރިހާ ފަރާތެއްގެ ނަންތައް މިހާރު އެޗްއެސްބީސީން ވަނީ ގެޒެޓްގައި ޝާޢިއުކޮށްފައެވެ.

އެޗްއެސްބީސީން ބުނީ، 60 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު މި އެކައުންޓުތައް ބަންދުކޮށް އެކައުންޓުތަކުގައި ހުރި ފައިސާ އެމްއެމްއޭއާއި ހަވާލުކުރާނެކަމަށެވެ.