ޚަބަރު

މަޖިލިސް އިންތިޚާބުގައި ވޯޓު ގަނެވިއްކާ މިންވަރު އިތުރު - ޓްރާންސްޕޭރެންސީ


ނިމިދިޔަ ރިޔާސީ އިންތިޚާބަށްވުރެ ބޮޑަށް އަންނަމަހުގެ 6ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ގަނެވިއްކުމުގެ މައްސަލަތައް އިތުރުވެފައިވާކަމަށް ދިރާސާތަކުން ދައްކާފައިވާކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބު އޮބްޒާވް ކުރުމާގުޅޭގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކެސީ އެންޑް ކޮމިއުނިކޭޝަން މެނޭޖަރު އައިމަން ރަޝީދު ވިދާޅުވީ، އިންތިޚާބުގައި ފައިސާ ބޭނުންކުރާ ގޮތް ބެލުމަށް ދިރާސާ ކުރިއިރު އިންތިޚާބާ ދިމާކޮށް %37 މީހުން ވޯޓު ގަތުމާއި ވިއްކުމުގައި ބައިވެރިވާ ކަމަށެވެ. ނަމަވެސް އެކަން ހުއްޓުވުމަށް އެއްވެސް ފަރާތަކުން ފިޔަވަޅު އަޅާފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައިމަން ވިދާޅުވީ ވޯޓު ގަނެވިއްކާ މައްސަލަ ހުއްޓުވުމަށް ޓްރާންޕޭރެންސީ މޯލްޑިވްސް އިލެކްޝަނަށް 3 ކަމެއް ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން ވޯޓާގުޅޭ ޤާނޫނަށް ބަދަލުގެނެސް އެއީ ޖިނާޢީ ކުށެއްކަމުގައި ހެދުމަށާއި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ތަފާތު ހަދިޔާތައްދިނުން ހުއްޓުވުން ހިމެނޭކަމަށެވެ.

"ދިރާސާތަކުން ދައްކަނީ ރިޔާސީ އިންތިޚާބާ އަޅައިބަލާއިރު ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގައި ވޯޓު ގަތުމާއި ވޯޓް ވިއްކުން އިތުރުވެފައިވާ ކަމަށް." އައިމަން ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަންގެ މިނިވަން ކަމާމެދު ބައެއް ފަރާތްތަކުން ޝައްކު އުފައްދާފައިވާތީ އައިމަން ވިދާޅުވީ، އެ ކޮމިޝަނާމެދު ކުރިން ޝައްކު އުފެއްދި ފަރާތްތަކުން މިހާރު ޝައްކު ނުއުފައްދާކަމަށާ، ނަމަވެސް އެކޮމިޝަނާމެދު އޭރު ޔަޤީންކަން އޮތްފަރާތްތަކުން މިހާރު ޝައްކު އުފައްދަމުންދާ ކަމަށެވެ.

އައިމަން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އީސީން ޢަމަލުކުރިގޮތާއި މިހާރު ޢަމަލު ކުރަމުންދާ ގޮތް ތަފާތު ކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބުގައި އެކި ފަރާތްތަކުގެ ބައިވެރިވުމާނުލައި ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށާ، ނަމަވެސް ކުރިއާ އަޅާބަލާއިރު އީސީން މިހާރު ވަރަށްގިނަ ކަންތައްތައް ހާމަކުރަމުންދާތަން ފެންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކުރީގައި އިލެކްޝަން ކޮމިޝަން ހިންގި ގޮތާއި މިހާރާ ތަފާތު. އެހެން ނަމަވެސް އަސާސީ މިންގަނޑު ތަކަށް ބަލައިލައިފިނަމަ އަދިވެސް އެބަހުރި ޝައްކު އުފައްދާނެ ޖާގަ. އެ ކޮމިޝަން އެކުލަވާލުމުގައި އެބަހުރި މައްސަލަ." އައިމަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް އިންތިޚާބާބެހޭ ޤާނޫނަށް ބަދަލު ގެނައުމަކީ ކަންބޮޑުވާ މައްސަލައެއްކަމަށާއި އެކަމަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކުން ބަލިޔަސް ޤަބޫލުކުރެވޭނެ ކަމެއްނޫންކަމަށެވެ. އަދި އެކަމަށް ރައްޔިތުން ހޭލުންތެރި ނުކުރެވިއްޖެނަމަ މިފަހަރުގެ އިންތިޚާބުގައި ބާތިލު ވޯޓު އިތުރުވުމުގެ ބިރު އޮތްކަމަށް އައިމަން ވިދާޅުވިއެވެ.

ވޯޓް ކަރުދާހުގައި ރަނގަޅު ފާހަގަ ފިޔަވައި އިތުރު ކުރެހުމެއް ކުރަހައިފިނަމަ ވޯޓު ބާޠިލުވާނެކަމަށް އިންތިޚާބުތަކާބެހޭ ޢާންމުޤާނޫނަށް ގެނައި އިޞްލާޙް ތަސްދީޤްކުރެއްވުމާގުޅިގެން އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.