ޚަބަރު

ސަރުކާރުން ރާވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ- ރައީސް


މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން ސަރުކާރުން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ތަރައްގީގެ އެކިއެކި މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވަނީ ސަރުކާރުގެ ތަރައްގީގެ ޕްލޭންތައް ކުރިއަށް ގެންދަނީ ރައްޔިތުންނާ މަޝްވަރާކޮށްގެން ކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި ރައްޔިތުން އެންމެ އެދޭ ގޮތަށް ކަންތައް ކޮށްދެއްވުމަކީ ސަރުކާރުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ. އަދި ތަރައްޤީގެ އެކިއެކި މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންކަން ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަހިބަދޫ ކައުންސިލްގެ މެންބަރުން ވަނީ އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސް ޞާލިޙާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން ރަށުގައި ކުނި ނައްތައިލާނެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި ނެތުމާއި ބޯހިޔާވަހިކަމުގެ މައްސަލައިގެ ސަބަބުން އިޖުތިމާއީ ގޮތުން އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މަހިބަދޫ ކައުންސިލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ދިނުމަށް ދަތިތަކެއް ދިމާވެފައިވާކަންވެސް ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މަހިބަދޫއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން މިހާރުން މިހާރަށް ހައްލުކުރެވޭނެ ކަންކަމާއި، އެހެން މައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.