ސިއްހަތު

ޑޮކްޓަރުންގެ ލައިސެންސިންގ އެގްޒޭމް ޖޫން މަހު ބާއްވަނީ


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ޑޮކްޓަރުންގެ ލައިސެންސިންގ އެގްޒޭމް މިއަހަރުގެ ޖޫންމަހު ބާއްވާގޮތަށް ހަމަޖައްސާފައިވާކަމަށް މޯލްޑިވްސް މެޑިކަލް ކައުންސިލްއިން ބުނެފިއެވެ.އެ ކައުންސިލުން މި އަހަރުގެ ޖެނުއަރީމަހު ބޭއްވުމަށް ތައްޔާރުވި އިމްތިހާން އެއްވެސް ފަރާތަކުން ފޯމް ހުށަހަޅާފައިނުވާތީ ވަނީ ބޭއްވޭގޮތް ނުވެފައެވެ.31 ޑިސެމްބަރ ދެހާސް ތޭރައިގެ ފަހުން ލައިސަންސް ދީފައިވާ ފަރާތްތަކުން މި މައަހަރުގެ ނިޔަލަށް އިމްތިހާނު ނަހަދައިފިނަމަ އެ ފަރާތްތަކަށް މިހާރު ދީފައިވާ ވަގުތީ ލައިސަންސް ބާތިލްވާނެއެވެ.މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ރައީސް ޑރ. އަބްދުﷲ އަފީފް ވިދާޅުވީ 31 ޑިސެމްބަރ ދެހާސް ތޭރައިގެ ފަހުން ވަގުތީ ލައިސަންސް ދިން ފަރާތްތަކުގެ ލައިސަންސް މިދިޔަ ޑިސެމްބަރ މަހުގެ ނިޔަލަށް ހަމަވެފައިވިއަސް މެޑިކަލް ކައުންސިލަށް މެމްބަރުން އައްޔަންނުކުރެވި ގިނަ ދުވަސްތަކެއްވުމުން އެފަރާތްތަކަށް މިއަހަރު ނިމުމުގެ ކުރިން މި އިމްތިހާން ހެދުމަށް ފުރުސަތުދީފައިވާކަމަށެވެ.މެޑިކަލް ކައުންސިލުން ބުނީ އެ ކައުންސިލްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި އަދި ބިދޭސީ އެމް.ބީ.ބީ.އެސް ޑޮކްޓަރުންނަށް އެއްއަހަރުދުވަހަށް ދެވޭ ލައިސަންސްގެ މުއްދަތުގެ ހަމަވުމުގެ ކުރިން އިމްތިހާނު ނަހަދައިފިނަ ނުވަތަ އިމްތިހާނުން ފާސް ނުވެއްޖެނަމަ އެފަރާތްތަކަށް ދީފައިޥާ ލައިސަންސް ބާތިލްވާނެކަމަށެވެ.މިއިމްތިޙާނަކީ އަހަރަކު ތިން ފަހަރު ބާއްވާގޮތަށް ހަމަޖެހިފައިވާ އިމްތިޙާނެއްކަމަށާއި އިމްތިޙާން އެކުލެވިގެންވަނީ ދެ ކަރުދާހުގެ މައްޗަށްކަމަށް މޯލްޑިވްސް މެޑިކަލް ކައުންސިލްއިން ބުނެއެވެ.ލައިސެންސިން އިމްތިޙާނު ދިނުމުގެ ބޭނުމަކީ ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންނަކީ ފެންވަރު ރަނގަޅު ޑޮކްޓަރުން ކަމުގައި ހެދުންކަމަށް އެ ކައުންސިލްއިން ބުނެއެވެ.