ޚަބަރު

ފީފާއަށް އެކަށީގެންވާ ވަރަށް މަޢުލޫމާތު ދީފައި ނުވާކަން ފާހަގަވި - މިނިސްޓާ ޢަލީ ވަހީދު


ރާއްޖެ ވަޑައިގެން އުޅުއްވާ ފީފާގެ ވަފުދާއި ބައްދަލުކޮށް ދެކެވުނު ވާހަކަތަކުން، ރާއްޖޭގެ ފުޓުބޯޅައަށް ދިމާވެފައިވާ މައްސަލަތަކާއި ބެހޭ އެންމެ ފުރިހަމަ މަޢުލޫމާތު ފީފާއަށް ލިބިފައި ނުވާކަން ފާހަގަވިކަމަށް، އެކްޓިންގ ޔޫތް މިނިސްޓާ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޢަލީ ވަހީދު ވިދާޅުވީ ފީފާގެ ވަފުދާއި އެކު ބޭއްވި ބައްދަލުވުމުގައި، އެފްއޭއެމްގެ މައްސަލަތަކުގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ނުފޯރުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައިވާނެ ކަމަށާއި، އަދި ސަރުކާރުން މައްސަލައިގެ ހައްލުކަމަށް ދެކޭގޮތް ހާމަކުރިއެވެ. އެގޮތުން ޢަލީ ވަހީދު ވިދާޅުވީ، މިނިސްޓްރީއިން ދެކޭގޮތުގައި، ފުޓުބޯޅައިގެ ހާލަތު ރަނގަޅުވާނީ އެފްއޭއެމަށް ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލައިގެންކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އެފްއޭއެމްގެ އިމާރާތުގައި ހިންގާފައިވާ ފީފާގެ ގަވާއިދާ ޙިލާފު ކަންކަން، ފީފާގެ ސަމާލުކަމަށް ގެނެވުނު ކަމަށާއި، އެކަންކަން މީގެ ކުރިން އެއްވެސް ވަރަކަށް ފީފާގެ ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށް ފީފާއިން ބުނެފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކާއިގުޅޭ ކަރުދާސް ފީފާއަށް ހުށައެޅުމަށް ފީފާއިން އެދުނު ކަމަށާއި، ނަމަވެސް މިނިސްޓްރީން މިމައްސަލައިގެ ތެރެއަށް އެއްވެސް ނުފޫޒެއް ފޯރުވަން ބޭނުން ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިމައްސަލާގައި ފީފާގެ ނިންމުމަށް މިނިސްޓްރީ ން އިޚުތިރާމް ކުރާ ކަމަށާއި، މިނިސްޓްރީންވެސް ބޭނުންވާ ގޮތަކީ އެފްއޭއެމްއާއި ކުލަބުތަކާއި ދެމެދު ޖެހިގެން އުޅޭ މައްސަލައެއް ދެފަރާތުންވެސް ހައްލުކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓާ ވިދާޅުވީ ދިވެހި ފުޓުބޯޅަ މިހާ ދަށް ހާލަތަކަށް ވެއްޓެން ޖެހުނީ ކުޅިވަރު ސިޔާސީ ކުރުމުގެ ސަބަބުން ކަމަށާއި، މިސަރުކާރުން އެއްވެސް ހާލެއްގައި ކުޅިވަރު ސިޔާސީ ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ސާފުކޮށް މިކަމުގަ ސަރުކާރުގެ ސްޓޭންޑަކީ ކޮބައިކަން ކިޔައިދިނިން، އަޅުގަނޑުމެން ފީފާގެ ނިންމުމަށްވެސް އިހުތިރާމް ކުރަން، މައްސަލަ ޖެހިގެން އުޅެނީ ކުލަބުތަކާއި އެފްއޭއެމްއާ، މިނިސްޓްރީއިން މިކަމަށް އެއްވެސް ނުފޫޒެއް ނުފޯރުވާނަން." ޢަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓާ ވިދާޅުވީ ދިވެހި ފުޓުބޯޅަ މިހާ ދަށް ހާލަތަކަށް ވެއްޓެން ޖެހުނީ ކުޅިވަރު ސިޔާސީ ކުރުމުގެ ސަބަބުން ކަމަށާއި، މިސަރުކާރުން އެއްވެއް ހާލެއްގައި ކުޅިވަރު ސިޔާސީ ނުކުރާނެ ކަމަށެވެ.