ވިޔަފާރި

މޮސްކޯގައި ކުރިއަށްދާ މިޓް ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ބައިވެރިވެއްޖެ

ރަޝިއާގެ މޮސްކޯގައި މިހާރުކުރިއަށްދާ މޮސްކޯ އިންޓަނޭޝަނަލް ޓްރޭވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަނުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ބައިވެރިވެއްޖެއެވެ.

އިއްޔެ ފެށި މި ފެއާގައި ދިވެހިރާއްޖެ ތަމްސީލްކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން އެމްއެމްޕީއާރުސީ އާއިއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 19 ކުންފުންޏެއްގެ 34 މީހުން ބައިވެރިވެއެވެ.

މި ފެއާ އާއި ގުޅޭގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ބުނީ، މި ފެއާގައި ދިވެހިރާއްޖެގެ ސްޓޭންޑު ފަރުމާކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތައް ދައްކުވައިދޭ ގޮތަށްކަމަށެވެ.

މިގޮތުން، ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ރަޝިއާ މާކެޓްގައި ހަރަކާތްތެރިވާ އިންޑަސްޓްރީގެ އިސް ބޭފުޅުންނާ، އެޤައުމުގެ އެންމެ މަގުބޫލު މީޑިޔާތަކާއި އަދި ރަޝިޔާއާއި ދިވެހިރާއްޖެއާއި ދޭތެރޭ ދަތުރުކުރާ ބޮޑެތި އެއާރލައިންތަކާ ބައްދަލުކޮށް، ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް ކުރިއަށް ގެންދެވޭނެ އެކި ހަރަކާތްތަކާއި ގުޅޭގޮތުން މި ފެއާގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މިޓް ފެއާއަށް ޒިޔާރަތް ކުރާ މީހުނަށް ވާރޗުއަލް ރިއަލިޓީ މެދުވެރިކޮށް ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދައްކައިދިނުމުގެ އިންތިޒާމް ރާއްޖޭގެ ސްޓޭންޑްގައި ވަނީ ހަމަޖެހިފައިވެއެވެ. އަދި ހަމައެއާއެކު ފެއާގައި ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ގުރުއަތު ނެގުމައްފަހު، ހާއްސަ އިނާމްތަކެއް ލިބިގެންދާނެއެވެ.

އެމްއެމްޕީއާރުސީން ބުނީ، މިދިޔަ އަހަރު މިފެއާގައި، ދުނިޔޭގެ އެކި ޤައުމުތަކުން 22،777 އަށްވުރެ ގިނަ އިންޑަސްޓްރީ ޕްރޮފެޝަނަލްސް ވަނީ ބައިވެރިވެފައިވާކަމަށެވެ. ކޮންމެ އަހަރަކުވެސް ދުނިޔޭގެ 200 އަށް ވުރެ ގިނަ ޤައުމަކުން، 1800 އަށްވުރެ ގިނަ ކުންފުނިން މި ފެއާގައި ބައިވެރިވެއެވެ.

ރަޝިއާ މާކެޓަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް މުހިއްމު މާކެޓެއްކަމަށް މި ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން ފާހަގަކުރެއެވެ.

މިދިޔަ އަހަރު ރަޝިއާއިން ރާއްޖެއަށް ވަނީ، 70,935 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ އޭގެކުރީ އަހަރާއި އަޅާބަލާއިރު، %14.5ގެ ކުރިއެރުމެކެވެ.

މިފަހަރުގެ މިފެއާގެ ސަބަބުން މިމާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ވަރުގަދަވެ، ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެގެން ދާނެކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.