ޚަބަރު

ސްޓެލްކޯގެ ބިލްތަކަށް 13 ރަށަކުން ފައިސާ ދެއްކޭނެ


13 ރަށެއްގައި ހުންނަ ސްޓެލްކޯގެ ކަރަންޓު ބިލްދައްކާ މަރުކަޒުތަކުން އެރަށްރަށް ނޫން އެހެން ރަށްރަށުގެ ބިލްތަކަށްވެސް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މިއިން ކޮންމެ މަރުކަޒަކުންވެސް ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ ކޮންމެ ރަށެއްގެ ކޮންމެ ބިލަކަށްވެސް ފައިސާ ދެއްކޭނެކަމަށް ސްޓެލްކޯއިން މަޢުލޫމާތުދޭ މިޚިދުމަތް ދިނުމަށް ނިންމާފައިވާ ރަށްތަކުގެތެރޭގައި، މާލެއަތޮޅު ގާފަރު، ގުޅި، އަލިފު އަތޮޅު އުތުރުބުރީ ބޮޑުފުޅަދޫ، މަތިވެރި، އަލިފުއަތޮޅު ދެކުނުބުރީ ހަންޏާމީދޫ، އޮމަދޫ، ކުނބުރުދޫ، މަހިބަދޫ، ވާވު އަތޮޅުގެ ހުރިހާ ރަށެއް ހިމެނެއެވެ.

ސްޓެލްކޯއިން ކަރަންޓު ފޯރުކޮށްދެނީ ގްރޭޓަރ މާލެ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގެ 30ރަށެއްގައެވެ. ސްޓެލްކޯއިން ވިދާޅުވެފައިވަނީ މިއަހަރު ނިމުމުގެކުރިން ސްޓެލްކޯއިން ކަރަންޓުދެމުންއަންނަ 30ރަށުގައި ވެސް، ކޮންމެ ކަރަންޓު ބިލަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިގޮތަށް ބިލުތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް އެކުންފުނިން ހަމަޖެއްސީ، އާއްމު ރައްޔިތުންނަށް، ލުއިފަސޭހަކަމާއިއެކު ކަރަންޓު ބިލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ސްޓެލްކޯގެ ބިލްތަކަށް އޮންލައިންކޮށް ފައިސާދެއްކޭނެ ގޮތްވެސް އެކުންފުނިންވަނީ ހަދާފައެވެ. އެގޮތުން މިކަމަށް ޚާއްސަކޮށްފައިވާ އެޕްލިކޭޝަން މެދުވެރިކޮށް، ބިލަށް އަރާ ވަރު ބެލުމާއި، ފައިސާ ދެއްކުމާއި، ކުރީގެ ކަރަންޓު ބިލްތަކުގެ މަޢުލޫމާތާއި، ޓެރިފް ރޭޓްތަކުގެ މަޢުލޫމާތުވެސް ފަސޭހައިން ލިބެއެވެ.