ސިޔާސީ

ޕާޓީތަކާއި އެކު މަޝްވަރާ ކުރުމަށް ރައީސަށް މަޖުބޫރު ކުރަންޖެހޭ


ގައުމަށް ހަމަޖެހުމާއި އަމާންކަން ހޯދައިދެވޭނީ އިދިކޮޅު ފަރާތްތަކާއި އެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރެއްވުމުން ކަމަށާއި ސުލްހައިގެ މޭޒުދޮށަށް ސިޔާސީ ޕާޓީތަކާއި އެކު އައުމަށް ރައީސުލްޖުމްހޫރިއްޔާ އަށް މަޖުބޫރު ކުރަން ޖެހޭކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.ސަރުކާރާއި އިދިކޮޅު ހަރަކާތްތަކެއް މިހާރު ކުރިއަށް ގެންދާ އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިގެން ރޭ ބޭއްވި އެއްވުމުގައި އިމްރާން ވިދާޅުވީ ރައީސް އަބްދުﷲ ޔާމިން މަޝްވަރާގެ މޭޒަށް ގެނައުމަށް އިދިކޮޅު ފަރާތްތަކުން ބޮޑު ޤުރުބާނީއެއް ވާންޖެހޭ ކަމަށެވެ. އަދި އެފަދަ ޤުރުބާނީއެއް ވުމަށް ފަސްނުޖެހުމަށް އިމްރާން ގޮވާލެއްވިއެވެ.ރޭގެ އެއްވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާ ޕާރސަން އަލީ ވަހީދު ވިދާޅުވީ، ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ސާބިތުވެފައިވާ ޓެރަރިޒަމްގެ ދާޢުވާގެ އިސްތިއުނާފީ މަރުހަލާތަށް މިހާރު ނިމިފައި ވާކަމަށެވެ. އެހެން ކަމުން ރައީސް ނަޝީދުގެ މައްސަލަ މިހާރު އެއޮތީ ރައީސް ޔާމިންގެ އަތްފުޅު މަތީގައި ކަމަށާއި އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނަޝީދަށް މާފްދެއްވައި މިނިވަން ކޮއްދެއްވުމަށް އަލީ ވަހީދު ގޮވާލެއްވިއެވެ.ރޭ އިދިކޮޅު ފަރާތްތަކުން މާލޭގެ އިރުމަތީ ކޮޅު ހެދިގޮނޑުދޮށް ސަރަހައްދުގައި ބޭއްވި މި އެއްވުން ބާއްވާފައި ވަނީ ހައުސިންގ މިނިސްޓްރީން ނަގަންޖެހޭ ހުއްދަ ނުނަގާކަމަށް ހައުސިންގ މިނިސްޓަރ ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.މިނިސްޓަރ ވިދާޅުވީ އެސަރަހައްދުގައި ހަރަކާތެއް ހިންގޭނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށެވެ.