ޚަބަރު

އެފްއައިވީބީ ވޮލީބޯލް ކޯޗިންގ ކޯހުގައި ބައިވެރިވާ 5 ކޯޗުން ތައިލޭންޑަށް


އެފްއައިވީބީ އިންޓަނޭޝަނަލް ވޮލީބޯލް ކޯޗިންގ ލެވެލް 2ގެ ކޯހުގައި ބައިވެރިވާ ރާއްޖޭގެ 5 ކޯޗުން ތައިލެންޑަށް ފުރައިފިއެވެ.

މިމަހުގެ 14އިން 18އަށް ތައިލޭންޑުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވާ ތައިލެންޑަށް ފުރާފައިވަނީ ގައުމީ ސީނިއާ ފިރިހެން ވޮލީ ޓީމުގެ ހެޑްކޯޗް، މުޙައްމަދު ސާޖިދާއި، ގައުމީ ސީނިއާ އަންހެން ވޮލީޓީމުގެ ކޯޗް އިބްރާހިމް ރަޝީދާއި، ގައުމީ ސީނިއާ ފިރިހެން ވޮލީޓީމުގެ އެސިސްޓަންޓް ކޯޗް މުޙައްމަދު ރިޝްވާން އާއި، ސޮފްވާން އަހުމަދުގެ އިތުރުން، އިބްރާހިމް ފަލާހެވެ.

މިކޯޗުން ފުރުމުގެ ކުރިން މިދިޔަ ހަފްތާގައި ކޯހުގައި ބައިވެރިވާކަމުގެ ލިޔުން ހަވާލުކޮށްފައެވެ. ލިޔުން ހަވާލްކޮށްދެއްވީ އެކްޓިންގ ޔޫތް މިނިސްޓާ ޢަލީ ވަހީދެވެ.

ރަސްމިއްޔާތުގައި އަލީ ވަހީދު ވިދާޅުވީ ވޮލީބޯޅަ ކުރިއެރުވުމަށް އެސޯސިއޭޝަނުން ކުރާ މަސައްކަތް މިނިސްޓްރީން ފުރިހަމައަށް ބަލައިގަންނަ ކަމަށާއި، މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރާނީ ހުރިހާ ކުޅިވަރަކަށްވެސް ހަމަހަމައަށް އެއްބާރުލުން ދީގެން ކުޅިވަރު ކުރިއެރުވުމަށް ކަމަށެވެ.

މިކޯހުގައި ބައިވެރިވާ ފަސް ކޯޗުންގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވާނީ ޔޫތް މިނިސްޓްރީ އާއި ވޮލީބޯޅަ އެސޯސިއޭޝަނުންނެވެ. އަދި މިއީ މިކޯހުގައި ރާއްޖެއިން އެންމެ ގިނަ ކޯޗުން ބައިވެރިވާ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.